ads
ފޮޓޯ: އޭއެފްޕީ
އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނަރުގެ ފަރާތުން ކުރީގެ ނައިބްރައީސް އަދީބާ ބައްދަލުކުރައްވައިފި
އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނަރުގެ ފަރާތުން ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރޭޓްސް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެމްޓީޑީގެ އިސް އޮފިޝަލަކު ވިދާޅުވީ މީގެ ކުރިންވެސް އަދީބު ޖަލުގައި ހުންނެވި އިރު ވެސް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ ފަރާތުން އެކި ފަހަރު މަތިން އަދީބާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. 

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނަރުގެ ފަރާތުން އެކަމަށް ސަރުކާރުގައި އެދިގެން ކަމަށްވެސް މައުލޫމާތު ދެއްވާފައިވެ އެވެ. 

އެމްޓީޑީގެ އިސް އޮފިޝަލް ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި އަދީބުގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ރާއްޖެއިން ހަދާފައިވާ ގާނޫނުތަކާއި އދގެ ހާއްސަ ކޮންވެންޝަންތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ރައީސް ޔާމީންގެ ނައިބުގެ މަގާމު ފުރުއްވި އަދީބުގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ ޖުމްލަ ހަތް ދައުވާ އެވެ. މީގެ ކުރިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން އެމައްސަލަ ތަކުގައި އިއްވާފައިވާ ހުކުމްތައް ހައިކޯޓާއި ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލުކޮށްފަ އެވެ.  

ރައީސް ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުން ނެރުނު އެކެއް ފެބްރުއަރީގެ އަމުރުގައި އޭރު ޖަލުގައި ތިބި އެކި ސިޔާސީ ބޭފުޅުންގެ މައްސަލަތައް ހިންގުމުގައި އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެބޭފުޅުން މިނިވަންކުރުމަށް ހުކުމް ކުރި އެވެ. މީގެތެރޭގައި އަދީބު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ އަމުރުގައި ހިމެނޭ ހުރިހާ ބޭފުޅުންގެ މައްސަލަތައް ނިމުނުއިރު ހަމައެކަނި ސަލާމަތް ނުވެ ހުންނެވި ބޭފުޅަކީ ވެސް އަދީބެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް