މި އެއްބަސްވުމުގެ ދަށުން ގަނެފައިވަނީ އޭޓީއާރް 600-72 ގެ ދެ ބޯޓު އަދި އޭޓީއާރް 600-42 ގެ އެއް ބޯޓް ކަމަށާއި އަލަށް ގަތް ބޯޓްތައް ކުންފުނީގެ ހިދުމަތްތަކާ މި އަހަރުގެ ތެރޭގައި ގުޅޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
އޭޓީއާރް 600-72 ބޯޓަކީ 70 ޝީޓުގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރްގެ 600-42 ގެ ބޯޓަކީ 50 ޝީޓުގެ ޖާގައިގެ ބޯޓެކެވެ. ބޯޓްތައް ގަތް ނަމަވެސް ތިން ބޯޓް ގަތް އަގެއް އަދި ހާމައެއް ނުކުރެ އެވެ.
މޯލްޑިވިއަން އިން ބުނީ، އެކުންފުންޏަށް އަލަށް އިތުރުކުރެވޭ ބޯޓުތަކަކީ ތިމާވެއްޓާއި ރައްޓެހި އިންޖީނުތަކެއް ކަމުގައިވާ PW12XT އާއެކު ގަނެވޭ ބޯޓު ތަކެއް ކަމަށެވެ. މިއާއެކު މި ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭ.ޓީ.އާރުގެ ބޯޓުތަކާއި ބަލާއިރު ތިން އިންސައްތަ ތެލުގެ ހަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ހަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (SAF) ބޭނުންކުރެވޭނޭ ބޯޓުތަކެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
"އޭ.ޓީ.އާރު އާއެކު މިގާއިމުވެގެންދާ ގުޅުމާއެކު ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު ފަހިވެގެންދާނެ. މިއާއެކު، ދިވެހި ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް ދިވެހިންނާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލާއި ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ." މޯލްޑިވިއަން އިން ބުންޏެވެ.
އަލަށް ގަންނަން އެއްބަސްވި ބޯޓުތަކާއި ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މިއީ ކުންފުނީގެ ކުރިއެރުމަށް އެޅިގެންދާނެ ވަރަށް މުހިއްމި ފިޔަވަޅެއް ކަމަށާއި، އާ އިންޖީނާއެކު އޭ.ޓީ.އާރުން މިއުފައްދާ ބޯޓުތަކަކީ ކުންފުނީގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށެވެ.
"މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ހަރަދު ކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ހިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް،" މެނޭޖިން ޑިރެކްޓަރު މިހާދު ވިދާޅުވިއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން އޭ.ޓީ.އާރު ގެ ޗީފް އެގްޒެކްޓިވް އޮފިސަރު، ސްޓެފާނޯ ބޯޓޮލީ ވިދާޅުވީ ކުންފުނީގެ އާއިލާއަށް އިތުރު މެމްބަރެއް އިތުރުވެގެން ދިއުމަކީ، ލިބުނު ވަރަށް ބޮޑު އުފާވެރި ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދައްކުވައިދެނީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައި ވެސް އެއާލައިންތަކުން ކުރިމަގަށް މަސައްކަތްކުރަމުން ދާ ކަމަށާއި، އަދި އޭވިއޭޝަން ދާއިރާގެ މުސްތަގުބަލެއް އޮތްކަން ދައްކުވާދޭ ވަރުގަދަ ހެއްކެއް ކަމަށެވެ.
"އޭ.ޓީ.އާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ 40 ވަރަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ރާއްޖޭގެ ގައުމީ އެއާލައިންގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް،" އޭ.ޓީ.އާރު ގެ ޗީފް އެގްޒެކްޓިވް އޮފިސަރު، ސްޓެފާނޯ ބޯޓޮލީ ވިދާޅުވިއެވެ.