ads
ސާލިމް (ހުދު ގަމީހުގައި) : ފޮޓޯ މިހާރު
ސާލިމް ބުނީ މަރާލީ ޝައިތޯނާ ބޮލަށް ވަދެގެންކަމަށް، އާއިލާއިން ބޭނުންވަނީ މަރަށް މަރު!
އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލި ބަގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އޮލަމް މިއާ(ސާލިމް)، މަހްމޫދު މަރާލި ކަމަށް އިއުތިރާފުވެ، އަދަބު ކުޑަކޮށްދޭން އެދިއްޖެ އެވެ.
Advertisement

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާ އިއްވަމުން ބުނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި، އެއަށްފަހު މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ.

ދައުލަތުން ދައުވާ އިއްވާ ނިމުމުން، ސާލިމް ބުނީ ތަހުގީގުގައި އިއުތިރާފްވި ފަދައިން ދައުވާގައި އެނާއާއި ދެކޮޅަށް ހުރި ހުރިހާ ވާހަކަތަކަށްވެސް އިއުތުރާފްވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

އިއުތިރާފުވިޔަސް، އާއިލާއިން ބޭނުންވަނީ މަރަށް މަރު 

ކުށަށް ސާލިމް އިއުތިރާފުވާކަމަށް ބުނުމުން އޭނާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް މަޖީދު އަލީ ވިދާޅުވީ، މަހްމޫދު މަރާލެވުނީ ޝައިތޯނާ ބޮލަށް ވަދެެގެން ކަމަށާއި، އެކަމަށް އޭނާ މާފަށް އެދޭކަމަށް ތަހުގީގުގައި ސާލިމް ބުނެފައިވާތީ މި މައްސަލާގައި އިއުތިރާފް އެއްބަސްވުމަކަށް އެދިފައި ވާނެ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލް އައިޝަތު މުނާ ޝަމީމް ވިދާޅުވީ، މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އެކަމުގައި ވާރިސުންގެ ބަސް ހޯދި އިރު، ސާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ސާލިމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދަން ދައުލަތުން ނިންމާފައި ނުވާކަމަށެވެ.

ދެން އޮންނާނީ އަވަސް ނިއާގެ ދަށުން ހުކުމް ކުރުން

ދައުލަތުން ސާލިމްގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިއުތިރާފުވިނަމަވެސް ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް ހެކި ހުށަހެޅުމަށް ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަގޮތުން ކުށަށް އިއުތިރާފް ވެއްޖެނަމަ ދެން ބާއްވަން ޖެހޭނީ އަވަސް ނިއާގެ ޝަރީއަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ސާކިމްގެ ވަކީލު ވަނީ އެކަމާއި އިއުތިރާޒްކުރައްވާފައެވެ.

ވަކީލުގެ މިވާހަކަތަކަށް މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވެސް އެއްބަސްވެވަޑައިގަތެވެ. އެކަމަށްޓަކައި މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ނިންމާ މިއަދުގެ އަޑުއެހުން ގާޒީ ވަނީ ނިންމާލައްވާފައެވެ. 

މިމައްސަލާގައި ކަން ހިނގާފައި ވާގޮތް

މަހުމޫދު މަރާލައި، ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި ސާލިމްގެ މައްޗަށް ދައުވާތައް ކުރުމަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. 

މަހުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަހުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ.  

މަހްމޫދަށް ވަނީ ބޮޑެތި އަނިޔާތަކެއްދީފައި

މަހުމޫދު ހަށިގަނޑަަށް ވަޅިން ހަމަލަދީ ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ. މަހްމޫދުގެ ބޮލަށާއި ހަށިގަނޑުގެ އެކިތަންތަނަށް 30 އަށްވުރެ ގިނަ ހަމަލާދީފައިވާކަމަށް ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ. 

މަހްމޫދުގެ މަރުގެ ތަފްސީލްތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ތަހުގީގުތެރެއިން ހަށިގަނޑު ބެލިއިރު، ބޮޑެތި ޒަހަމްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ބޮލުގައި މަައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭކަމަށާއި، ހަށިގަނޑުގެ އެކިއެކި ތަންތަނަށް  އެކި މިންވަރުގެ 30 އަަށްވުރެ ގިނަ ޒަހަމުތައް ފާހަގަކުރެވުނު ކަމަށެވެ. 

ފުލުހުން ވަނީ އެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ފޮޓޯއެއްވެސް ހާމަކޮށްފައެވެ. އެގޮތުން ބޮލުގައި 29 އަށްވުރެ ގިނަ ކުދި ޒަހަމުތައް ހުރިކަންވެސް ފާހަގަވެއެވެ. އޭގެއިތުރުން އަތުގެ ހަތަރު ތަނަކަށް ވަޅިން ތިން ހަތަރު ހަމަލާއެއް ދީފައިވާއިރު، މެޔަށާއި ބަނޑާއި، ބަނޑުގެ އަރިމައްޗަށް، ބުރަކަށްޓަށްވެސް ކުދި އަދި ބޮޑެތި ހަމަލާތަކެއްދީ ޒަހަމުކޮށްލާފައިވާކަން ސާފުކޮށް ފެންނަަން ހުއްޓެވެ.

ފުލުހުން ބުނީ، ހަށިގަނޑަށް ހަމަލާދިނުމުގައި ތަފާތު ތިން ބާވަތެއްގެ ތަކެތި ބޭނުންކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ތޫނު އެއްޗެހިވެސް ހިމޭނެކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމުގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި ސާލިމް އޭނާ އެކަން ކުރިކަމަށް ތަހްގީގުގައިވެސް އަދި ކޯޓުގެ މަރުހަލާގައިވެސް އެއްބަސްވެފައިވެއެވެ. ފުލުހުން އާއްމުކުރި މައުލޫމާތުން އެގޭގޮތުގައި އެކަމުގައި އިތުރު މީހަކު ބައިވެރިވެފައެެއް ނުވެއެވެ. 

އޭނާ މަހްމޫދު އޭނާ ދިރިއުޅުނު ގެއަށް ގޮސްފައިވަނީ އޮޅުވާލައިގެންނެވެ. އަދި މަހްމޫދު އެގެއަށް ގެންނަން އޭނާ ގުޅާފައިވަނީ މަހްމޫދުގެ ވިޔަފާރީ ބޭނުމަށް ބޭނުންކުރާ ގުދަނުގެ ބޭރުގައި ޖަހާފައިވާ ނަންބަރުންނެވެ. ވިޔަފާރީގެ ބޭނުމަކަށްކަމަށް ބުނެ މަހްމޫދު ގުދަނު ކައިރިއަށް ގެންދިއުމަށްފަހު ގެއަށް ގެންދިއުމަށް ދެއްކި ސަބަބުތަކުގެ ތަފްސީލުތައްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ އެއީ އެގެއަށް މަހްމޫދު ހިނގައިދާނެފަދަ ސަބަބުތަކެއް ކަމަށެވެ.

އެގޭތެރޭގައި މަހްމޫދު މަރާލުމާއި ހަމަޔަށް ފަސް ގަނޑިއިރު ހިނގާފައިވާކަމަށާއި، މަހްމޫދަށް ހަމަލާދީފައިވަނީ ދިފާއުވާނެ ފުރުސަތު ނުދީ ކުއްލިއްކަށް ކަމަށް ފުލުހުން ބުނެއެވެ.

އަދި މަހްމޫދު މަރާލުމަށްފަހުވެސް އަނިޔާތަކެއް ދިން ކަމަށާއި، ގޭތެރޭގައި ހޭދަވީ ފަސް ގަޑިއިރު ތަފާތު ގިނަ ހަމަލާތަކެއް ދީފައިވާއިރު، ހަމަލާދިނުމަށްފަހު މަރުނުވާހެން ހީވެގެންވެސް އިތުރު ހަމަލާތަކެއް ދިން ކަން ތަހުގީގަށް އޭނާ ކިޔާދީފައިވާ ކަންތަކުން އެނގޭކަމަށް ފުލުހުން ބުންޏެވެ.

މަރާލުމަށްފަހު ވަޅާއި ހިސާބަށް މަހްމޫދުގެ ހަށިގަނޑު އުފުލާފައިވަނީ ޝާ އޮލަމް މިއާގެ ކޮނޑުމަތީގައެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ދަނގެތީގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ތޮއްޑޫ އަށް އުފަން އެ ދެ މީހުންނާ ދޭތެރޭގައި ދަނގެތި މީހުން ޝައްކު ކުރި ނަމަވެސް ސާލިމްއާ މެދު ތުހުމަތު ކުރެވުނީ އޭނާ ދިރިއުޅޭ ގެއިން މީހަކަށް ފެނުނު މަންޒަރުންނެވެ.

އެމީހާ ބުނި ގޮތުގައި ޝާ އޮލަމް މިއާ ދިރިއުޅޭ ގެއިން އެ އެރޭ ނުވައެއް ޖަހާކަން ހާއިރު، މީހެއްގެ ހަޅޭކުގެ އަޑު އިވިގެން ބަލާލި އިރު، ގޭތެރެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު ފެނުނު ކަމަށެވެ. އެ މައުލޫމާތު އޭނާ އެންމެ ފުރަތަމަ ހިއްސާ ކުރީ އާއިލާގެ މީހަކާއެވެ. އެކަމަކު ފަހުން އެކަން ފުލުހުންނާ ހިއްސާ ކުރުމުން ފުލުހުން ވަނީ ޝާ އޮލަމް މިއާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކޮށްފައެވެ.

މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ސާލިމް ކިޔައި ދިން އިރު، އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ވަނީ ހޯދައިފައެވެ. މި މައްސަލާގައި ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި މި މީހާ މަހުމޫދު މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައެވެ.

14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް