ބޮޑެތި ބަލިތަކަކީ މިފަހަކަށް އައިސް އަލަށް އުފަންވާ ކުދިންނަށް ދިމާވަމުން އަަންނަ ބޮޑު، މައްސަލައެކެވެ. ޅަ އުމުރުގައި ތަންމަތީގައި އޮންނަން މިއަދު ޖެހިފައިވާ އެތައް ބަލި ކުދިއްނެއް މި ކުޑަ ރާއްޖޭގައި ވެސް ތިބީ މަދެއްކޮށެއް ނޫނެވެ. މިއަދު އެފަދަ ކުދިންގެ މައިންބަފައިންގެ އުންމީދަކީ އެ ފަދަ ކުދިންނަށް ދުޅަހެޔޮ ދިރިއުޅެއް ލިބުމެވެ. އެހެން ކުދިންނެކޭ އެއް ފަދައިންނެވެ.
މޫނިސާ ރަޝީދު އާއި، އަޝްރަފް އިބްރާހުމްގެ ކައިވެނީގެ ގޮތް ޖެހީ 2017 ވަނަ އަހަރު ގައެވެ. އެ ދެމަފިރިން ވެސް ކައިވެނީގެ ގޮތްޖެހީ އުފަލުން ދިރި އުޅުމަށެވެ. ނަމަވެސް މިދެމަފިރިންގެ މިއުފާވެރި ކައިވެއްޏަށް ކުރި ދަތުރުގެ މިސްރާބު ބަދަލު ވެގެން އައީ އެދެމެފިރިންގެ އެންމެ ފުރަތަމަ ދަރިފުޅު އުފާވާންވީ ވަގުތުއެވެ.
ކައިވެނީގެ މޭވާ އަޅާ އޭގެ ރަހަ އަރު ތެރޭގައި ނުލަނީސް ޑޮކްޓަރުގެ ފަރާތުން ލިބުނީ، ދަރިފުޅުގެ ބަލީގެ ހިތާމަވެރި ހަބަރެވެ. އަދި ދަރިފުޅުގެ ހިތުގެ ސާފު ލޭ ފުއްޕާމެއަށް ފޮނުވައިދޭ ނާރު އުފެދިފައި ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި ހިސާބުން މޫނިސާގެ ފައިދަށުން ބިންގަނޑު ދަމައިގެންދިޔަ ކަހަލައެވެ.
މޫނިސާ ބުނާގޮތުން އެއީ މޫނިސާ އަށް އައި އެންމެ ހިތްދަތި ވަގުތު އެވެ. ނަމަވެސް ކެތްކުރީ އުއްމީދުގެ އަލިކަން ވާނީ އަބަދު ވެސް ދާދި ގާތުގައި ކަމަށް ޔަގީން ކުރާ ހާލުގަ އެވެ.
މޫނިސާ "ސީއެންއެމް" އަށް ބުނީ ސިޒޭރިއަން ހެދުމަށް ފަހު ދަރިފުޅު ނެގި ވަގުތު ވެސް ދަރިފުޅު އަވަސް އަވަހަށް ނޭވާލާ ކަމަށް، ޑޮކްޓަރަށް ފާހަގަ ވެގެން އައިސީޔޫ އަށް ގެންދިޔަ ކަމަށެވެ. އޭގެ ފަހުން ދަރިފުޅު އެތާ ހަތަރު ދުވަހު ބޭއްވި ކަމަށާއި، އެ ހަތަރު ދުވަހު ދަރިފުޅަށް ގާތުން ނުދެވޭ ކަމަށް ވެސް އޭނާ އަސަރާ އެކު ބުންޏެވެ.
ނަމަވެސް ފަސް ވަނަ ދުވަހު ދަރިފުޅު ގާތަށް ގެނެސް ގާތުން ދިނުމުން އުނދަގޫ ތަކެއް ހުރުމުން ޑޮކްޓަރު ސީޓީ ސްކޭނެއް ހެދީ ކަމަށާއި، އެހާ ހިސާބުން އެނގުނީ ދަރިފުޅުގެ ހިތުގެ ސާފު ލޭ ފުއްޕާމެއަށް ފޮނުވައިދޭ ނާރު އުފެދިފައި ނެތް ކަމެވެ.
މިދިޔަ އަހަރު ފެބްރުއެރީ މަހުގެ 16 ވަނަ ދުވަހު އައިޖީއެމްއެޗް ގައި ވިހޭ ދަރިފުޅު ޒިވިޔަން ގޮވަޑައިގެން ފަރުވާއަށް އެއް ފަހަރު އިންޑިއާ އަށް ދިޔަކަމަށް ބުނެ، މޫނިސާ ބުނީ ފުއްޕާމެއަށް ސާފު ލޭ ފޮނުވައިދޭ ނާރު ފެންނަން ހުރިކަމަށް އިންޑިއާ ޑޮކްޓަރުން ފުރަތަމަ ބުނި ނަމަވެސް ކެމެރާ އެތެރެއަށް ލައްވައިގެން ބެލި އިރު، ނާރު ފެންނަނީ ހިމަ ރޮދި ފަށެއްގެ ގޮތުގައި ކަމަށާއި ހިތުގައި އިތުރު ތިން ލޯވަޅު ހުރި ކަމަށް ބުނި ކަމަށެވެ.
ތުއްތު ޒިވިޔަން އަށް ނުވަ މަހުގައި އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ބުނެފައި ވަނީ އިތުރު ހަ މަސް ފަހުން އަނބުރާ އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމަށެވެ. 15 ގަޑިއިރު ހޭދަވާ ހިތުގެ ސާޖަރީއެއް ހެދިއްޖެ ނަމަ ޒިވިޔަން ބަލިން ރަނގަޅުވުމުގެ ފުރުސަތު އޮތް ކަމަށް އިންޑިއާ ޑޮކްޓަރު ވިދާޅުވިކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ނަމަވެސް މިއަދު އެއާއިލާގެ މާލީ ހާލަތު އެގޮތަށް ތަނެއް ނުދެއެވެ.
ޒިވިޔަންގެ މަންމަ މޫނިސާއަކީވެސް ލޭ އަޅާ މީހެއް
މޫނިސާ އަކީ ވެސް ބަލި މީހެކެވެ. މަހަކު ދެ ފަހަރު އޭނާ ވެސް ލޭ އަޅަން ޖެހެ އެވެ. ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުން އޭނާ ދިރިއުޅެމުން ދަނީ ވޭނުގަ އެވެ. މަހަކު ދެ ފަހަރު އޭނާ ވެސް ޖެހިގެން އޮންނަ ރަސްގަތީމަށް ލޭ އަޅަން ދާން ޖެހެ އެވެ. އެވަގުތު ތަކުގައި ދަރިފުޅު ބަލަނީ ވެސް މޫނިސާގެ މަންމަ އެވެ.
ރޯގާ ޖެހި ހުން ގަދަވާ ދުވަސްތަކުގައި ދަރިފުޅުގެ ނިޔަފަތިތައް ހުންނަނީ ނޫވެފައި ކަމަށާއި، މުޅި ހަށިގަނޑުގައި އޮކްސިޖަން ލެވެލް ހުންނަން ޖެހެނީ 100 ކަމުގައި ވިޔަސް ޒިވިޔަންގެ ހަށިގަނޑުގައި އޮކްސިޖަން މަސައްކަތް ކުރަނީ 82 އިންސައްތަ ކަމަށް މޫނިސާ ބުނެ އެވެ. ނަމަވެސް ބަލިވާ ދުވަސްވަރެއް ވެއްޖިއްޔާ 60 އިންސައްތަ އަށް އޮކްސިޖަން ދަށްވެ، ނުރައްކުލުގެ ތެރެއަށް ކުއްޖާ ގެނބިގެންދެ އެވެ.
ޒިވިއަން އުޅޭ ހާލު ބަލަން އޭނާގެ ބައްޕަ އާއި މަންމަ އަކަށް މިއަދު ކެތެއް ނުވެއެވެ. ދަރިފުޅުގެ ހާލު ފެނި ދަރިފުޅަށް ފުރިހަމަ އަވަސް ފަރުވާއެެއް ހޯދަދިނުމަށް ބައްޕަ އާއި މަންމަ ބޭނުންވެ އެވެ. އެހެން ނަމަވެސް ދެ އާއިލާގައި ވެސް އެ ފަދަ ފޯރުންތެރި ކަމެއް ނެތެވެ. އެހެންކަމުން އެންމެ 11 މަހުގެ ލޯބި ލޯބި މައުސޫމު ޒިވިއަންގެ ބައްޕަ އާއި މަންމަ އެދެނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީއަކަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް:
- މޫނިސާ ރަޝީދު (ޒިވިޔަންގެ މަންމް): 7688890
- 7701465110101 (USD) (ބީއެމްއެލް ޑޮލަރު ) އެކައުންޓް 4 (ކުއްޖާގެ ބައްޕަ، އަޝްރަފް އިބްރާހީމް)
- ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަމްބަރު: . 7703532049101 (MVR) (ކުއްޖާގެ މަންމަ، މޫނިސާ ރަޝީދު)
ޒިވިއަންގެ އާއިލާއިން އެދެނީ ފައިސާގެ ގޮތުން އެހީވެދެވެންނެތް ފަރާތްތައްވެސް، ޒިވިއަން އަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.