އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ޖެޓީއިން ބޮޑު ބައެއް ވެއްޓިފައި މިވަނީ، އެތަން ގަނބައިގަނެފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. މީގެ ކުރިން ވެސް ޖެޓީގެ ފަސްގަނޑު ދަމައިގަތުމުން އެތަން ވަނީ ވަގުތީގޮތުން މަރާމާތު ކުރުމަށް ފަހު ބޭނުން ކުރަން ފަށާފަކަމަށް އޭނާ ބުންޏެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ކާޑެއްދޫ ޖެޓީ ވެއްޓިފައި ވާއިރު، އެވަގުތު އެ ޖެޓީގައި އެއްވެސް އުޅަނދެއް އަޅާފައި ނުވެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައި ނުވެއެވެ.
މިކަމާއި ގުޅިގެން ކާޑެއްދޫ އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ، ޖެޓީ ވަނީ މީގެ ކުރިން ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، އެތަން ބޭނުން ކުރަމުން ދިޔައީ، އެކި ގޮތްގޮތުން ވެލި އަޅާ ބަސްތާ ޖަހައިގެން ކަމަށެވެ.
" މީގެ ދުވަސްކޮޅެއް ކުރިން ޖެޓީއިން ވެލި ގިނަ އަދަދަކަށް ދަމައިގަނެފައި. އެކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކަށް އެންގި ނަމަވެސް އެކަމަށަ ސަމާލުކަން ދީފައި ނުވޭ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ 18 ރަށާއި ފަސް ރިސޯޓާއި 176 ފަޅު ރަށުގެ މައްޗަށް އެކުލެވޭ އަތޮޅުގައި އޮންނަ ކާޑެއްދޫ އެއާޕޯޓް އަކީ ދުވާލަކު މަދުވެގެން ހަ ފްލައިޓް ޖައްސާ އެއާޕޯޓް އެކެވެ. އަދި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެއާޕޯޓުން ހިދުމަތް ހޯދައެވެ.
ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި ދެ އެއާޕޯޓް އޮޕަރޭޓް ކުރަމުންދާއިރު، އެ އަތޮޅުގައި އިތުރު ދެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓެވެ.
ހުވަދު އަތޮޅުގެ އާބާދީއަކީ 34،433 މީހުންނެވެ. ހުވަދޫ އިދާރީ ގޮތުން ދެބައަކަށް ބަހާފައިވާއިރު، ގއ. އަތޮޅުގެ އާބާދީއަކީ 14،310 އެވެ. އަދި ގދ. އަތޮޅުގެ އާބާދީއަކީ 20،123 އެވެ.