ads
އުތެމައިގެ ހަފްލާއެއްގެ ތެރެއިން: ފޮޓޯ އުތެމަ
ފަތުވާ މަޖިލީހުން ރޭޕުގެ މަފްހޫމް ބަލައެއް ނުގަނޭ: އުތެމަ
ރާއްޖޭގެ ފަތުވާ މަޖިލީހުން ރޭޕް ގެ މަފްހޫމް ބަލައި ނުގަންނަކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އުތެމަ ޖަމިއްޔާއިން ބުނެފިއެވެ.
Advertisement

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ މީޑިއާތަކާއި މުއައްސަސާތައްވެސް މެދުވެރިކޮށް ކެނޑިނޭޅި ދެމުންދާ އެކިބާވަތްތަކުގެ “ދީނީދަރުސް” ގެނަމުގައި ދެކެވޭ ވާހަކަތަކުގައި ކުޑަކުދިންނާއި އަންހެނުންނަކީ ފިރިހެނުންނަށް ކިޔަމަންތެރިވާންޖެހޭ، ފިރިހެނުންގެ އެންމެހާ އަމުރުތަކާއި އެދުންތަކަށް އިޖާބަދީ، ފިރިހެނުންގެ އެންމެހާ ޖިންސީ އެދުންތައް ފުއްދުމަށް އަބަދު ތައްޔާރުވެ ތިބެންޖެހޭ ބައެއް ގޮތަށް އަންނަނީ ސިފަކުރަމުން އަންނަކަމަށެވެ. 

އަންހެނުންނަށް ކުރާ ގެވެށިއަނިޔާގެ ކުށުގެއަމަލު ތަކަކީ ފިރިހެނުން ކުރުމަށް ހުއްދަކަންކަން ކަމާއި އެކަންކަން ސިއްރުކުރުމަށް ބާރުއަޅާ އަދި “ކެތްތެރި” ވާންޖެހޭ ކަމެއްކަމުގައި ނަސޭހަތްތެރިވެއެވެ. ގިނަފަހަރަށް މިކަމަކީ މިއަނިޔާ ތަހައްމަލު ކުރާމީހާ ނުވަތަ ކުއްޖާ ގެ ސަބަބުން ވާކަމެއްގެ ގޮތުގައި ސިފަކޮށް، އަނިޔާގެ ޝިކާރައަށްވާމީހާ ކުށްވެރި ކުރުމަކީވެސް ނިކަމެތިވާ މީހުނާއިދޭތެރޭ މުޅިމުޖުތަމައުން ވަމުންދާ ބޮޑު އިހުމާލެއް ކަމަށެވެ. 

"މީގެ އިތުރުން ކުޑަކުދިންނަކީވެސް އުމުރާއި ހެދިބޮޑުވުމަށް ނުބަލާ ހަމައެކަނި ބާލިޣުވުމުން ކައިވެނިކޮށް ޖިންސީގުޅުން ހިންގޭނެ ބައެއްކަމަށް ވާހަކަ ފަތުރާ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހެދިފައިވާ އެންމެހާ ސަލާމަތީ ކަންކަމަށް ފާޅުގައި ގޮންޖަހާ، ކުޑަކުދިންނާއި “ކައިވެނި” ކުރެވޭނެ ކަމަށް ވަކާލާތު ކުރަމުންދާތާ ވެސް އެތައްއަހަރެއް ވެއްޖެކަން ފާހަގަކުރަން" އުތެމަ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

އެ ޖަމިއްޔާއިން ބުނީ މީގެ އާހިރު ނަތީޖާއަކަށް އަދު ވެފައިއޮތީ އެނަމުގައި ރާއްޖޭގެ ކުޑައަންހެން ކުދިން ބޮޑެތި ފިރިހެނުންގެ ޖިންސީއަނިޔާގެ ޝިކާރައަކަށްވެ، ފުރާވަރުގައި މާބަނޑުވެ އަކަމުގެ ނޭދެވޭ ސިއްހީ އަދި ނަފްސާނީ އަސަރު އެކުދިންގެ މުޅި އުމުރަށް ތަހައްމަލް ކުރަންޖެހިފައިވުންކަމަށެވެ. 

ޑިސެމްބަރު 2019 ގައި ރ.އަތޮޅު މަޑުއްވަރީގައި ފެންމަތިވި މައްސަލަތަކަކީ މިފަދަ އިޖްތިމާއީ ކަންކަމުގައި ނިޒާމީ ނުކުޅެދުންތެރިކަން ހުރިމިންވަރު ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަމަށް ޖަމިއްޔާއުން ބުނެއެވެ.

"އެންމެފަހުން ފެންމަތިވެގެން ދިޔައީ އަންހެންކުދިން ހިތާނުކުރުމާގުޅޭ ގޮތުން ފަތުވާ ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އިން ފަތުވާމަޖިލިހުގެ ލަފާ ހޯދުމަށް މަސައްކަތްކުރި ހަބަރު. އަދިމިކަމަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ޤާއިމުކޮށްފައިވާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެދުމެއްގެ މަތިން ކުރިކަމެއްކަމުގައިވެސް ހަބަރުލިބި ރައްޔިތުންގެ ނުރުހުން މިކަމުގައި އޮތްމިންވަރު ފެނި، އެކަމަށް އެދުނު ސިޓީ މިނިސްޓްރީ އޮފް ހެލްތުން ބާތިލުކުރާ ހިސާބައް ކަންކަން ދިޔަ،" 

ނަމަވެސް ކަންބޮޑުވާންޖެހޭ ޙަޤީގަތަކީ ފަތުވާ މަޖިލިހުގައި ތިބޭ ފަރާތްތަކަކީ މިފަދަކަންކަމަށް ވާގިދެމުންދާ ފަރާތްތައް ކަމަށް ވާތީކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެމަޖިލިހުގައި ތިބި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން ޖިންސީއަނިޔާތަކަށް ހުށަހެޅިގެންދާނެ ކަންކަމަށް ވާގިވެރިވަމުން ގޮސްފައިވާކަން ޙަބަރުތަކުން ވަރަށް ސާފުކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ކައިވެންޏަށް ހައްޓާއި ނަފްސު ފުރިހަމައަށް ތައްޔާރުނުވާ އަންހެން ކުދިން ކައިވެނި ކުރުން “ދީނީ” ގޮތުން ހުއްދަ ކުރުމާއި، އަންހެން ކުދިން ހިތާނުކުރުމުގެ ނުރައްކަލަށް ހުށަހެޅުމަށް ވާގިދިނުމާއި، ކައިވެނީގެ ތެރޭގައި އަންހެނުން ރޭޕް ކުރުމުގެ އަމަލަކީ ދީނީގޮތުން ވުޖޫދުގައި ނޯންނާނެ ކަމެއްކަމަށް އެފަރާތްތަކުން ވަކާލާތުކުރާކަމަށް އުތެމައިން ބުނެއެވެ. 

މީގެ މާނައަކީ ރޭޕްގެ މަފްހޫމް އެފަރާތްތަކުން ބަލައިނުގަންނަ ކަންކަމަށާއި، ނަމަވެސް އެކަންކަން ދީނީ ގޮތުންއޮތީ މިގޮތަށް ނޫންކަން ސާބިތުވަނީ، އިސްލާމްދީނުގެ އަސާސީ ބިންގަލަކީ އަންހެނުންނަށް ފުރިހަމަ ގަދަރާއި ރައްކާތެރިކަން ހޯދުންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

"އިސްލާމްދީނުގެ މަތިވެރި ހަމައާއި އުސޫލަކީ އިންސާނިއްޔަތުކަމާއި، އޯގާތެރިކަމާއި، ކުލުނާއި، އަޅާލުމާއި، އާއިލީ އަދި އިޖްތިމާއީ އިންސާފާއި ރައްކާތެރިކަން ކަމަށްވާތީ. އަދި މާތް ނަބިއްޔާގެ ސުންނަތުންވެސް އެނގިފައިވަނީ އެފަދަ ސިފަތަށް ކަމަށްވާތީ،"

ރާއްޖޭގައި މިމުހިންމު އަސާސީ ދީނީ ހަމަތަކުން ކައްސާލައި މުޖުތަމައު އަނިޔާވެރިކަމާއި މާޔޫސްކަމަށް މިވަގުތު ވެއްޓިފައި ވަނީ ސަރުކާރުތަކުގެ ވުޒާރާތަކުގެ ބޮޑެތި އިހުމާލުން ކަން އަދު މިޖަމްޢިއްޔާއިން ފާހަގަކުރަން ޖެހެނީ ނުހަނު ބޮޑު ކަންބޮޑުވުން ތަކަކާއި އެކުކަމަށް އުތެމައިން ބުނެއެވެ. 

ރާއްޖެއަށް މިހާރު ފާޅުވެފައިއޮތް ޖިންސީއަނިޔާގެ ވަބާގެ ޝިކާރައަކަށް ވަމުންދާ އެންމެހާ ކުދިބޮޑު އެންމެންނަށްވެސް ޤާނޫނީ އޮނިގަނޑުގެ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދީ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލިހަށާއި ރާއްޖޭގެ ކޯޓުތަކާއި އަދި ކަމާބެހޭ މުއައްސަސާތައް ހިންގުމާއި ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ. 

އަދި މިކަމުގައި އަޅަންޖެހޭ އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމު އެކަށީގެންވާ މިންވަރަށް މަސައްކަތްކުރާ ހާލަތަށް ގެނައުމަށްޓަކާ، އެމަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ބައްދަލު އުޖޫރައެއް ދިނުންކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

"މި ބަދަލު މިހާރުން މިހާރަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވަނީ މިދާއިރާގައި މަސައްކަތްކުރެވޭނެ، ތަމްރީނު ލިބިފައިވާ މީހުން ވަޒީފާއަށް ގެނެވޭނީވެސް މިކަން ކޮށްގެން ކަމަށްވާތީ،" 

މީގެ އިތުރުން އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކަށް އެކަށީގެންވާ ފެންވަރަކަށް  އެމަސައްކަތް ކުރެވޭނެ މާހައުލެއް ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމު ކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ފުރިހަމަކުރުމަށްވެސް ގޮވާލާފައިވެއެވެ. 

"ރާއްޖޭގައި މީގެ އެތައްއަހަރެއް ކުރިންވެސް އަންހެނުންނާއި ކުޑަކުދީންނަކީ އެމީހުންގެ އާއިލާގެ ތެރޭގައި އަދި ބޭރުގައިވެސް، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ފުރައްސާރަތަކާއި އަނިޔާލިބި އެކަމުގެ ނޭދެވޭ އަސަރުތައް ތަހައްމަލް ކުރަމުންދާ ބައެއްކަން ދިވެހި މުޖުތަމައު ދަނޭ،"

މި މައްސަލައަކީ ކަމާގުޅޭ ފަންނީ ދިރާސާތަކާއި ތަފާސް ހިސާބުންވެސް ވަރަށް ސާފުކޮށް އެނގި ސާބިތުވެފައިވާ ބޮޑު އިޖްތިމާއީ އަދި ސިއްހީ ގައުމީ މައްސަލައެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.  

2007 ގައި ސަރުކާރުން ޝާޢިއުކޮށްފައިވާ އަންހެނުންގެ ސިއްހަތާއި ދިރިއުޅުމުގެ ތަޖުރިބާ ދެނެގަތުމުގެ ޤައުމީފެންވަރުގެ ދިރާސާ އިން ހާމަވެފައިވަނީ ރާއްޖޭގެ ކޮންމެ 3 އަންހެނަކުން 1 އަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވާމީހެކެވެ. 

ކޮންމެ 5 އަންހެނަކުން 1 އަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އެފަދަ އަނިޔާ ތަހައްމަލްކުރާ މީހެއްކަމަށްވާއިރު ކޮންމެ 8 އަންހެނަކުން 1 އަކީ އޭނާގެ އުމުރުން 15 އަހަރު ނުވަނީސް ޖިންސީއަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެއްކަމެވެ. މިއަދަދުތަކުން ހާމަވަނީ ރާއްޖޭގައި މިމައްސަލައޮތް މިންވަރުގެ ބޮޑުކަންކަކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.  

"އެހެންކަމުން މިކަންކަން ހުއްޓުވުމަށް ރާއްޖޭގައި މިހާރު ވަނީ އެތައް ޤާނޫނުތަކެއް ހެދި މުއައްސަސާ ތަކެއް އުފައްދާފައެވެ. މިފަދަ އަނިޔާތަށް ހުއްޓުވުމަށާއި އަނިޔާގެ ޝިކާރައަށްވާމީހުނަށް ޤާނޫނީ ފަރުވާ ހޯދުމަށްޓަކައި ތިރީގައިވާ ޤާނޫނުތައް މިހާރުވަނީ ހެދިފަ،" 

1 – ޤާނޫނު ނަމްބަރު 2009/12 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު

2 – ޤާނުނު ނަމްބަރު 2012/03 ގެވެށި އަނިޔާހުއްޓުވުމުގެ ޤާނޫނު

3 – ޤާނޫނު ނަމްބަރު 2014/16 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު

4 – ޤާނޫނު ނަމްބަރު 2014/17 ޖިންސީ ކުށުގެ ޤާނޫނު

5 – ޤާނޫނު ނަމްބަރު 2016/18 ޖެންޑަރ އިކުއަލިޓީގެ ޤާނޫނު

6 – ޤާނޫނު ނަމްބަރު 2019/19 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު

މި ޤާނޫނުތައް ވުޖޫދުގައި ވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ އަދަދު މަދުވެގެން މަހެއްގެ މައްޗަށް 20 ނުވަތަ 30 އާހަމައަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ޕްރޮޓެކްޝަން ސަރވިސަސް އަށް ރިޕޯޓު ކުރެވެއެވެ.

މިހެންމިކަން އޮތްއިރު 15 ޖެނުވަރީ 2020 ގައި ގ.އ. ކަނޑުހުޅުދޫ ގައި 2 އަހަރު ނުވާ ތުއްތު ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ، އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ އެތައްފަހަރަކު ކުރިމައްސަލަ މީޑިޔާތަކުން ހާމަކޮށް މުޅި މުޖުތަމައުގެ ސަމާލުކަން ހޯދިއެވެ.

"ސުވާލަކީ ގ.އ. ކަނޑުހުޅުދޫގައި މިފަދަ ކަންކަން ހިނގަނީ ކީއްވެހެއްޔެވެ؟ ރިޕޯޓުތަކުން ހާމަވަނީ މިރަށުގެ މި ކާފައާއި މުނިކާފައާއި ގުޅޭގޮތުން މިފަދަމައްސަލަތައް މީގެ ކުރިންވެސް މުއައްސަސާތަކަށް ހުށަހެޅިފައިވާކަމާއި، ނަމަވެސް އެކިސަބަބުތަކާހުރެ މުޖުތަމައުއަށް އަދިވެސް އެމީހުން ދޫކޮށްލާފައި ތިބީ ކަން،" އުތެމައިގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެކިފަހަރުމަތިން މި މުނިކާފަ އޭނާ ދިރިއުޅޭ ހިސާބުގަނޑުގެ ކުޑަކުދީންނަށް ފުރައްސާރަކުރާ ވިޑިއޯ ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ބަޔާންވެސް ނެގިފައިވާއިރު، އޭނާ ކުރަމުންދިޔަ ކުށަކީ ކުށްކަމުގައިނުބެލެވި، ކުށް ސާބިތުނުކުރެވި މުޖުތަމައުގައި އޭނާވަނީ އެކަން ތަކުރާރުކުރުމަށް ދޫކުރެވިކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.  

"ދެންއިވިގެން ދިޔައީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ޤާޒީއާއި ދޭތެރޭ ކުރެވޭ ޖިންސީފުރައްސާރައާއި ސުލޫކީ އެކިމައްސަލައިގެ ތުހުމަތުތަކުގެ ވާހަކަ. އަދި އެރަށުގެ ކައުންސިލަށް މިފަދަކަންކަން ރަށުގައި ހިނގަމުންދާކަމުގެ މައުލޫމާތު އެނގިފައިވާކަމާއި، ނަމަވެސް “ރަސްމީ” ކޮށް އެފަރާތައް މައްސަލަ ހުށަހެޅިފައި ނުވާތީ ކައުންސިލުގެ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުނު ވާހަކަ،" އުތެމައިން ނެރުނު ބަޔާނުގައިވެއެވެ. 

ކަނޑުހުޅުދޫ ގައި އިޖްތިމާއީ ރައްކާތެރިކަން ޤާއިމުކުރުމަށް ހުރި އެންމެހާ މުއައްސަސާތަކުގެ އިހުމާލު މިމައްސަލައިގެ ތެރެއިން ފެންމަތިވިއެވެ. މި ނިޒާމީ އިހުމާލުގެ ސަބަބުން އެރަށުގެ ކުޑަކުދިން ޖިންސީގޯނާކުރާ މީހުންގެ ނުރައްކަލަށް އިތުރަށް ހުށަހެޅި، މުއައްސަސާތަކާއިދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލި، މި ކުޑަ ރަށުގައި ކުޑަކުދިން ބިރުވެރިކަންމަތީ ދިރިއުޅެމުންދާން ޖެހިފައިވާކަން ނޫސްތަކުން ހާމަވިއެވެ.

 ރަށުގެ ރައްޔިތުންގެ، ޚާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުތަކުން މުއައްސަސާތަކަށް ލާޒިމު ކުރެވިފައި ވީނަމަވެސް މި މުއައްސަސާތަށްވަނީ ޤާނޫނު ތަންފީޒުކުރުމަށް ނުކުޅެދިފައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރެއް 2007 އިން ފެށިގެން ޤާއިމްވެފައި ވީނަމަވެސް މިއަދާ ހަމައަށްވެސް މިސެންޓަރު ތަކުގައި އެކަށީގެންވާވަރަށް ކޭސް ވާކަރުންނެއް ނެތެވެ. ގ.އ. އަތޮޅުގައި ކޭސް ވާކަރެއްނެތްތާ 1 އަހަރު ވެއްޖެކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިކަން މިހެންއޮތް ސަބަބަކީ މިނިސްޓްރީއިން މުވައްޒަފުން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާތީކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިފަދަ އެހެން ސެންޓަރު ތަކުގައިވެސް، އަތޮޅުގެ އެހެންރަށްތަކުގައި ހިނގާކަންކަން ބެލުމަށް ދަތުރުކުރުކުރުމާއި ހިދުމަތްފޯރުކުރަން އެކަށީގެންވާ ބަޖެޓާއި އިންސާނީ އަދި އެހެނިހެން ވަސީލަތްތަކެއް ހަމަޖެހިފައެއް ނުވާކަމަށް އުތެމައިން ބުނެއެވެ. 

 "މައްސަލަތަކަށް އިޖާބަދިނުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ނެތް،" 

2019 ވަނަ އަހަރުގެ ބަޖެޓުގައި 19 ސެންޓަރު ހިންގުމަށް ކަނޑައެޅިފައިވަނީ 21،497،202ރ އެވެ. މިއީ ކޮންމެ ސެންޓަރަކަށް މިލިޔަނެއްހާ ރުފިޔާއެވެ.  ފާހަގަކޮށްލެވޭ ކަމަކީ ބަޖެޓުފާސްކުރާ ރައްޔިތުންގެ މަޖިލިހުގެ ކޮންމެ މެމްބަރެއްގެ މުސާރައަކީވެސް އަހަރަކު މިލިއަނެއްހާ ރުފިޔާކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. 

މީގެ އިތުރުން ސިއްޙީ އިންޝިއުރަންސާއި ރިޓަޔަމަންޓް ޕެންޝަންގެ އިނާޔަތްތަށް އެ އިއްޒަތްތެރި މެމްބަރުންނަށް އެމަޖިލިހުންވަނީ ހަމަޖައްސާފައެވެ.  ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރެއްގައި 2 ކޭސްވާކަރުން މުޅި އަތޮޅުގެ މައްސަލަތައް ބެލެހެއްޓުމަށް މަސައްކަތް ކުރަނީ މީހަކު ގާތްގަނޑަކަށް 60 މައްސަލައާއި ހަވާލުވެގެންކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

އެ ޖަމިއްޔާއިން ބުނީ މި މަސައްކަތަކީ 24 ގަޑިއިރުގެ މަސައްކަތެއް ކަމަށެވެ. އެމީހުންގެ އަސާސީ މުސާރައަކީ -/5000ރ އާއި -/6000ރ އެވެ. އަދި އެކި އެލަވަންސްތައް އެއްކޮށްލީމާ -/8000ރ އާއި އެންމެބޮޑުވެގެން -/12،000ރ އާއިދޭތެރޭގެ އަދަދެއްކަމަށެވެ.  

"މި މަސައްކަތްކުރަން މީހުން ޝައުގުވެރި ނުވަނީ މިއީ ބުރަމަސައްކަތަކަށް ވެފައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްހިނދު، އެކަށީގެންވާ އުޖޫރަވެސް ނުލިބޭ ކަމަކަށްވާތީ. އަދި ގިނައާއިލާތަކެއްގެ ބޮޑެތި މައްސަލަތަކަކަށް އެދެވޭ ހައްލެއްހޯދުމަށް އެކަކު މަސައްކަތްކުރަންޖެހުމަކީ އެމީހެއްގެ ސިއްހަތާއި އާއިލީ ދުޅަހެއުކަމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަކަށް ވާހިނދު، އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ އަޅާލުމާއި ލުއިލިބޭނެ ކަންކަން ފަހިވެފައިނެތުމަކީ މުޅި ނިޒާމަށް އޭގެ ސަބަބުން ލިބިގެންދާ ހީނަރުކަމެއް،" 

ދެންއޮތީ ޕޮލިހާއި ސިއްހީ ހިދުމަތްތެރިން އަދި ކޯޓުތަކުންވެސް ޖިންސީ އަނިޔާއާއިމެދު ދެކޭގޮތުގެ ސަބަބުން ގޮންޖެހުންތަކަކަކާ ދިމާވާކަމަށް އުތެމައިން ބުނެއެވެ. 

"ބައެއް މުއައްސަސާތަކުން ޖިންސީއަނިޔާކަމަށް ބަލަނީ ޖިމާއުވިކަން ސާބިތު ކުރެވުނީމަ. މިކަމާގުޅިގެން ގިނަމައްސަލަތައް ޖިންސީއަނިޔާކަމަށް ނުބަލާތީ އަނިޔާކުރާމީހާ މުޖުތަމައުއަށްދޫވެ، މިފަދަ ކަންކަން އާންމުވެ، ޖިންސީފުރައްސާރުކުރުމާއި، ގޯނާކުރުމާއި އެކިއަނިޔާކުރުމަކީ ދިވެހި މުޖުތަމައުއަށް ދިމާވެފައިވާ ވަބާއަކަށް ވަނީ ވެފަ،" އުތެމައިގެ ބަޔާނުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް