ads
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން--
ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ރާއްޖޭގެ ސަފާތާއި ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހާމަ ކުރައްވަމުން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުމުން ގޭގައި އެކަހެރިވެގެން ހުންނެވި ކަމަށާއި، ބަލީގެ ސަބަބުން ގަދައަށް ހުން އައުމުގެ އިތުރުން ގަދައަށް ގައިގައި ރިއްސާ ކަމަށެވެ. 

އަދި މިބަލި މަޑުކަމުގެ ސަބަބުން މައިންބަފައިންނާއި އާއިލާ އާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެންމެން ގުޅިގެން މި ބަލިމަޑުކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް ވެސް ޔުމްނާ ވަނީ އެދިވަޑައިގެންފައެވެ. އަދި މާތް ﷲ ގެ އިރާދަފުޅުން މި ބަލިމަޑުކަމުން ސަލާމަތް ވުން އެދޭ ކަމަށް ވެސް ޔުމްނާގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ. 

ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ ބައްޔަށް 2300 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 114،977 އަށް އަރާފައި ވާއިރު، ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 13،035 ކޭސް އެވެ. 

މި ބަލިން 101،660 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 48 މީހަކަށެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް