ކަނޑުހުޅުދޫ ކައުންސިލުން ބުނަނީ ސަރުކާރުގެ އަޅާލުން ކުޑަ ކަމަށެވެ. ސަރުކާރު ވުޒާރާތަކުގެ އަޅާލުމެއް ނުލިބި، ކަނޑުހުޅުދޫގެ 900 އެއްހާ މީހުންގެ އާބާދީގައި، ބަލިމަޑު ކަމެއް އުފެދިދާނެ ކަމުގެ ބިރު އެބަ އޮތްކަމަށް އެ ކައުންސިލުން އަންނަނީ ބުނަމުންނެވެ. ކަނޑުހުޅުދޫ ކުނިކޮށްޓަކީ 2006 ވަނަ އަހަރު ކަނޑުހުޅުދޫގައި ގާއިމް ކުރި ކުނި ކޮށްޓަކެވެ.
އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ކަނޑުހުޅުދޫގައި ކުނިކޮށި ހަދާފައި އޮންނަނީ އެ ރަށު ފެނަކަ ބްރާންޗާއި، ފުޓްބޯޅަ ދަނޑާއި، ދިރާގަށް ދީފައި އޮންނަ، ސަރަހައްދާއި އިންވެގެން ހުޅަނގު ފަރާތަށް ވާގޮތަށް އޮންނަ ހުސް ބިމުގައެވެ.
އެ ރަށުގެ ކުނިކޮށީގެ މައްސަލާގައި ވާހަކަ ދެއްކި މީހަކު "ސީއެންއެމް"އަށް ބުނީ، ކުނި ކޮށިން ކުނި ނައްތާލުމަށް އެ ސަރަހައްދު ގައި އަލިފާން ރޯކުރަން ޖެހޭ ކަމަށާއި، އެހެން ކަމުން އެސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއްމުންނާއި، ފުޓްބޯޅަކުޅޭ ފަރާތްތަކުގެ އިތުރުން ފެނަކަ ބްރާންޗްގެ މުއައްޒަފުންނަށް ބޮޑެތި އުނދަގޫ ތައް ވާކަމަށެވެ.
އެތައް ފަހަރަކު މިކަމުން ހައްލެއް ލިބޭތޯ ކައުންސިލުގައި އެދިފައި ވާކަން ފާހަގަ ކުރަމުން އޭނާ ބުނީ، ކުނި ރަނގަޅު ގޮތުގައި މެނޭޖް ކުރެވޭނެ ގޮތެއް ވެސް އެތާނގައި ނެތް ކަމަށާއި، އަދި ކައުންސިލުން މާބޮޑު އަޅާލުމެއް ވެސް އެކަމަށް ނުދޭ ކަަމަށެވެ.
އޭނާ ބުނީ އެރަށު ކުނިކޮށި ބަލަހައްޓާނެ ފަރާތެއް ނެތި މިހާރު ހަތަރު ވަރަކަށް މަސް ވެގެން ހިނގައްޖެ ކަމަށާއި، އެސަރަހައްދު ބަލަހައްޓާނެ ފަރާތެއް ނެތުމުގެ ސަބަބުން އާއްމުން ދަނީ އެއްވެސް ލިމިޓެއް ނެތި، ހަލާކު ވަމުން ދާ ކުންޏާއި، ގިނަ ދުވަހަށް ހަލާކުނުވެ، ހުންނަ ޕްލާސްޓިކާއި، ކުޑަކުދިން ބޭނުން ކުރާ ނެޕީ ފަދަ ތަކެތި، އެސަރަހައްދަށް އަޅަމުން ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މީގެ ކުރިން ކަނޑުހުޅުދޫ ކައުންސިލުން "ސީއެންއެމް" އަށް ބުނީ، މިދައުރަށް ހޮވުނު އިރުގައި ވެސް ކުނި ކޮށި ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މީހަކާ ހަވާލު ކުރެވިގެން ބަލަހައްޓަމުން ދިޔަ ކަމަށާއި، ނަމަވެސް ގާތްގަޑަކަށް މީގެ ހަތަރު މަސް ދުވަސް ކުރިން ކޮންޓްރެކްޓް ހަމަވެ، އެމީހާވެސް އެތަން ދޫކޮށްފައި ދިޔައީ ކަމަށެވެ.
"މިހާރު ތިންފަހަރެއްގެ މަތިން ކުނިކޮށި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރެވިފައި ވަނީ. ނަަމަވެސް ހަވާލު ވާނެ ބަޔަކު ނުލިބިގެން އުޅެނީ ކުނިކޮށި މާބޮޑަށް ފުރިފައި ވާތީ. މުޅަވާ ޒާތުގެ ކުންޏާއެކު މީހުން އެތަނަށް ކުނިއަޅަނީ. ކުނިއެޅުމުގެ ސަބަބުން، އެތަން ކޮންޓްރޯލް ނުވެ ދަނީ. ހެވީ ވެހިކަލްގެ އެހީތެރި ކަން ލިބިގެން ނޫނީ ކުނި މެނޭޖް ކުރެވޭނެ ކަމަކަށް ނުބެލެވޭ. ސަރުކާރު ވުޒާރާ ތަކުގައި އެތައް ފަހަރަކު އެދެމުން ދާއިރުވެސް އެއްވެސް ހައްލެއް ނުލިބޭ" ކައުންސިލް މެމްބަރު އައްބާސާ މުހައްމަދު ވިދާޅު ވިއެވެ.
އަދި އެރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ރީތި ސަރަހައްދެއް ކަމަށްވާ "ބައްތިއާ ދިހަރޭ" ގައި އިތުރު ކުނި ކޮށްޓެއް ހެދުމުގެ ވިސްނުން ކައުންސިލުން މިހާރު ދަނީ ގެންގުޅެމުން ކަމަށްވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އެންވަޔަރމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާތީ އެ މިނިސްޓްރީގެ ބަހެއް މިކަމާ ގުޅޭ ގޮތުން ލިބިފައެއް ނުވެއެވެ.
ކަނޑުހުޅުދޫގައި އާއްމުންގެ ކަންބޮޑުވުން އޮތީ ހަމައެކަނި ކުނިކޮށީގެ މައްސަަލައެއްގައެއްވެސް ނޫނެވެ. ރަށުތެރެ ރީތިކޮށް ބޭއްވުމަށް މަގުތަކުގައި ޑަސްބިން ބަހައްޓާފައި ނުހުންނަ މައްސަލަައަކީވެސް އާއްމުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ކުނިކޮށި ވަނީ ގާއިމު ކޮށްފައެވެ. ނަމަވެސް ކުނިކޮށި ރަނގަޅަށް މެނޭޖް ނުކުރެވި ގިނަ ރަށްރަށުގައި މި ކުނި ކޮށިތައް ވަނީ ތުރާލަކަށް ވެފައެވެ. ތިމާވެއްޓާއި ރަށުގެ ގުދުރަތީ ވެށި ތަގައްޔަރުކުރާ ތަނަކަށް ވަނީ ވެފައެވެ.
ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ ހަމައެކަނި މާލެ ސަރަހައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫން ކަމަށް، ރައީސް ވަނީ މީގެ ކުރިން ވިދާޅު ވެފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށިރައްކާތެރި ކުރުމަކީ މިސަރުކާރުގެ އެއްމެ ބޮޑު ސިޔާސަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުން "ވޭސްޓް ޓު އެނަޖީ" މިއީ ކުނި ނައްތައި ލުމާއި، ތިމާވެށި ރައްކާތެރި ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫއު ކަމަށް ވިދާޅުވެ، މަޝްރޫއެއްވެސް ފައްޓަވާފައެވެ.