ads
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުދީއާ އެކު ވަނީ މަޝަވަރާ ކޮށްފައި
ހަރުކަށި ފިކުރާ ދެކޮޅަށް އިލްމުވެރިންނާއި، މިލިޓަރީ އާލާތް ގެންނަން މަޝްވަރާ ކޮށްފި
އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މި މަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ރާއްޖެއާއި ސައުދީ އެރެބިޔާއިން މަޝްވަރާ ކޮށްފިއެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް، މޭޖަ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމޮޣައިދީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި، ޓެރަރިޒަމްގެ ނުރައްކަލާއި، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. 

އަދި، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓްގެ ފަރާތުން އެ ކޯލިޝަނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

އެސެންޓަރުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓެއް ވަނީ ޑިޕްލޯއި ކޮށްފައެވެ. އަދި، އެ ކޮންޓިންޖެންޓް ޑިޕްލޯއިކޮށްފައިވާ މުއްދަތު އިތުރުކޮށް، މިހާރު ވެސް އެސެންޓަރުގައި ދިވެހި ސިފައިންގެ ކޮންޓިންޖަންޓުން ދަނީ ޙަރަކާތްތެރިވަމުންނެވެ. 

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.
ޖަނަވަރީ 23 އިން 29 އަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

ޑިފެންސް މިނިސްޓަރުގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައިއެމްސީޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް، ޖަނަވަރީ 23 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.


އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 29 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް