
ފެމިލީ ކޯޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021ވަނަ އަހަރު އެ ކޯޓުގައި 2،399 ކައިވެނި ކުރިއިރު، 1،192 މީހެއްގެ ވަރި އެ މުއްދަތުގައި ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. އަދި 2،400 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހަޅާފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރުގެ މައްސަލަތައް ހިމެނޭ ގޮތުން 2،615 މައްސަލައެއް މިދިޔަ އަހަރު ކޯޓުން ވަނީ ނިންމާފައެވެ.
އޭގެތެރެއިން 2021 ވަނަ އަހަރު ކޮށްފައިވާ ވަރިތަކަށް އިއްދައިގެ ހަރަދުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވާނެ ކަމަށް ކޯޓުން ބުނެއެވެ.
ގާނޫނުގައި ބުނާގޮތުން ވަރިކޮށްފައި އިންނަ އަންހެނާގެ އިއްދަ ހަމަވަންދެން، އިއްދައިގެ ހަރަދު މަހަކު 2000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.
"އަންހެނާގެ އިއްދަ" އަކީ ވަރިކުރެވުނު އަންހެނާއަކީ ހައިލުވާ އުމުރުގެ މީހަކު ކަމުގައިވެފައި، އެ އަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، އަދި ވަރިކުރިއިރު އޭނާ އިނީ ހައްޔަރުގައިކަމަށް ނުވާނަމަ، ވަރިކުރި ދުވަހުން ފެށިގެން ތިން ހައިޒާއި ތިން ތުހުރު ހަމަވަންދެން ހިނގާ މުއްދަތެވެ. ނުވަތަ ވަރިކުރެވުނު އަންހެނާއަކީ ހައިލުނުވާ ނުވަތަ ހައިލުވުން ހުއްޓިފައިވާ އަންހެނަކު ކަމުގައިވާނަމަ، އަދި އެއަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، ވަރިކުރި ދުވަހުން ފެށިގެން ހަނދުމަހުގެ ތިން މަސް ހަމަވަންދެން ހިނގާ މުއްދަތެވެ.
އަދި ވަރިކުރެވުނު އަންހެނާ އިނީ ހައްޔަރުގައިކަމަށް ވާނަމަ، އޭނާ ވިހެއުމާ ހަމައަށް ހިނގާ މުއްދަތު، ނުވަތަ ހައްޔަރުގައި އިން އިނުން، ނިމުމަކަށް އައުމާހަމައަށް ހިނގާ މުއްދަތު ނުވަތަ އަންހެނަކު ކާވެނި ކޮށްގެން ހުއްޓައި، ނުވަތަ ރަޖުއީ ވަރިއެއްގެ އިއްދައިގައި އިންދައި، އޭނާގެ ފިރިމީހާ މަރުވާ ހާލަތުގައި، އެ އަންހެނާ އިނީ ހައްޔަރުގައި ކަމަށް ނުވާނަމަ، އޭނާގެ ފިރިމީހާ މަރުވި ދުވަހުން ފެށިގެން ހަނދުމަހުގެ 4 މަހާއި 10 ދުވަސް ހަމަވަންދެން ހިނގާ މުއްދަތަކީ ވެސް އިއްދައިގެ މުއްދަތެވެ.
އެމުއްދަތުގައި އަންހެނާއަށް އިތުރު މީހަކާ ނީދެވޭނެއެވެ. އެހެންކަމުން އިއްދައިގައި ހޭދަވާ މުއްދަތަަށް ވަރިކުރި މީހާގެ ފަރާތުން އިއްދައިގެ ހަރަދު ދިނުން އޮވެއެވެ. މި އިއްދަ ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައިވެސް ދެވިދާނެއެވެ. ފިރިހެން މީހާއަށް އިއްދައިގެ ހަރަދު ދޭން ނުޖެހޭނީ ހަމައެކަނި އަންހެން މީހާގެ ފުށުން އެއިއްދަ ބޭނުން ނުވާކަމަށް ކޯޓުގައި ބުނެފައި ވާނަމައެވެ.
މި ހަރަދަކީ ސާބިތު ހަރަދުގެ ގޮތުގައި ކޯޓުން ކަނޑައަޅާފައިވާ ހަރަދެކެވެ. ސާބިތު ހަރަދުގެ ގޮތުގައި ބަލަމުން ގެންދާ އިއްދައިގެ ހަރަދާއި، ދަރިންގެ ހަރަދު ނުދޭ މީހުން ރާއްޖޭގައި ގިނަ ކަން ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަކުން އެނގެއެވެ.
އެކަން ހުއްޓުވުމަށް އެމީޙުންގެ މައުލޫމާތު ހާމަކުރުމަށްވެސް ފެމިލީކޯޓުން 2018ވަނަ އަހަރު ނިންމާފައިވެއެވެ. ސާބިތު ހަރަދުގެ ފައިސާ ދެއްކުމަށް ހުކުމް ކުރުމުން ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންގެ ރާއްޖެއިން ފުރުން މަނާކުރުމާއި، އެކައުންޓް ފްރީޒްކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުމާއި، އެފަދަ މީހުން ވަޒީފާ އަދާކުރާ ތަންތަނުން މުސާރަ ދޭއިރު މުސާރައިން ވަކި ވަރެއް ކޮންމެ މަހަކު ވެސް ކެނޑުން ފަދަ ފިޔަވަޅުތައް އެޅުމަށް އެންގުމުގެ ބާރު ފެމިލީ ކޯޓަށް ލިބިގެންވެ އެވެ.