
ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭވުމަށް ވާން ޖެހޭ ތައްޔާރީތައް އެކޮމިޝަނުން އަންނަނީ ވަމުންނެވެ.
ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.
މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި، މީގެއިތުރުން، ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ވޯޓުފޮށީގެ މަޢުލޫމާތު، ((VR space IDNO Send to 1414 އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު"ންނެވެ.
ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އެ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.
މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.