
ފުލުހުން މިއަދު ބުނީ މި މަހުގެ ފަސްވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ އަންހެނުން ކަމަށްވާ 24 އަހަރުގެ ރަޖޭޝްވަރީ ސިވާކުމާރް އާއި 24 އަހަރުގެ އީޝާ އެންޓޮންނޭޓް އެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށުމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އަދި އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވިއެވެ. މި މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލަ ސަމާލުކަމަށް އައުމާ އެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލާގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ.