މާރިޔާ މިހެން ވިދާޅުވެފައިވަނީ ދަރިފުޅު އައްފާންގެ 1.5 މިލިޔަން ޕައުންޑްގެ ގެއެއް ހުންނަކަމަށް ނޫސްވެރިއަކު ސުވާލުކުރުމާ ގުޅިގެންނެވެ.
މާރިޔާ ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތެއް ކުރައްވާނަމަ އެކަމެއް އޭސީސީއަށް ހުށަހަޅުއްވައިގެން ތަހުގީގު ކުރައްވަން ވީކަމަށެވެ. އަދި ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއް ނޫން ކަމަށެވެ.
"ފެށުނީއްސުރެ ރާއްޖެއިން ބޭރުގައި އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް" މާރިޔާ ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން މާރިޔާ ވިދާޅުވެފައިވަނީ، އުމުރުން 40 އަހަރުގެ އޭނާގެ ދަރިފުޅަކީ އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލެއް ކަމަށާއި، އޭނާގެ މަސައްކަތާއި އާމްދަނީ މިސަރުކާރާއި ގުޅުވައި، އިންތިހާބުތަކާ ދިމާކޮށް ހަދާ ސުރުހީ އަކަށް ވުމަކީ ދެރަ ކަމެއް ކަމަށެވެ.