މި މައްސަލަ ކޯޓުން ކުރިއަށް ގެންދަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެވެ. އެއީ ތަހުގީގުގައި ވެސް އަދި އިބްތިދާއީ އަޑުއެހުމުގައި ވެސް ސާލިމް ދައުވާ އަށް އިއުތިރާފު ވުމުގެ ސަބަބުންނެވެ.
ސާލިމްގެ ދިފާއީ ވަކީލު އެދިވަޑައިގަތީ މަހްމޫދުގެ ފޮޓޯއެއް ސާލިމަށް ދެއްކުމަށެވެ. މަހްމޫދުގެ ފޮޓޯއެއް ޝަރީއަތުގައި ދެއްކުމަށް ފަހު އެއީ ކާކުތޯ އާއި އޭނާގެ ނަމަކީ ކޮބައިތޯ ސާލިމްއާ ސުވާލުކުރުމުން އޭނާ ޖަވާބުގައި ބުނީ އެއީ މަހްމޫދު ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ސާލިމްގެ އިއުތިރާފުން މަހްމޫދު މަރާލީ އޭނާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ދައުލަތުގެ ފަރާތުން ހެކިވެރިންގެ ހެކިބަސް ނެގުމަށް ކޯޓުގައި އެދުމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފު ވުމުން ހެކިންގެ ހެކިބަސް ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދައުލަތަށް ހެކިބަސް ނަގަން ޖެހޭ އެއްވެސް ސަބަބެއް ދެއްކިފައި ނުވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މަހްމޫދުގެ ހުރިހައި ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފައި ވަނީ ސާލިމާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. އެހެންނަމަވެސް މަހުމޫދުގެ ބައެއް ވާރިސުން ކޮވިޑް އާއި ގުޅިގެން މިވަގުތު ކަރަންޓީނުގައި ތިބުމުން އެކަން ނިމުނުހާ އަވަހަކަށް މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.