ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ މިގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް ހެކިންގެ ހެކިބަސް ނަގަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ޝަރީއަތުގެ މަޖިލީހަށް އެ މީހުން ހާޒިރުކޮށް ހުވާ މަތީގައި އެ މީހުންނާ ސުވާލުކޮށްގެން ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ހެކިބަސް ނަގަންވާނީ ޝަރީއަަތުގެ މަޖިލީހަށް ހެކިން ހާޒިރުކޮށްގެން ކަމަށް މިގާނޫނުގެ 147 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވީ ނަމަވެސް ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ރާއްޖޭގައި 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބުނެފައެއް ނޯވެ އެވެ. އަދި މިގާނޫނަށް މިއަދާ ހަމައަށް ވެސް އިސްލާހު ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން އަބްދުﷲ ސައީދުގެ މައްސަލައިގައި ހައިކޯޓުން އިއްޔެ އިއްވި ހުކުމްގައި ވަނީ ސިއްރުން ހެކިބަސް ނެގޭނެ ގާނޫނީ ހަމައެއް މިހާރު ނެތް ކަމަށް ކަނޑައަޅާފަ އެވެ.
ހައިކޯޓުގެ މިހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ)އާ އެކު މި ގާނޫނުގެ 119، 131 އަދި 134 ވަނަ މާއްދާ ހިމަނައި، މުޅި ގާނޫނު އެކުގައި ކިޔާލުމުން ހައިކޯޓުގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅު ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން ސިއްރު ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށް ބައެއް ވަކީލުން ބައެއް މައްސަލަ ތަކުގައި މީގެކުރިން ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ސިއްރު ހެކިބަސް ނެގުން ހުއްޓުވުމަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް ރިއާޔަތްކޮށް އެއްވެސް ކޯޓަކުން މީގެކުރިން ގޮތެއް ނިންމާފައެއް ނުވެ އެވެ.