ކްރިމިނަލް ކޯޓުން ވަނީ މިނިސްޓަރު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާތަކުގެ އަޑުއެހުންތައް ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަންދެން ފަސްކޮށްފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކޯޓުގެ ނިންމުމާ މެދު ނުރުހުން ފާޅުކޮށް މަހުލޫފްގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ބުނަމުންނެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަ އަދި ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ މަހްލޫފްގެ މައްސަލަ ކޯޓުން ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އެ އޮފީހުން ނުދެކޭ ކަމަށާއި މިހާރު ވެސް ކޯޓުގައި އިތުރު މައްސަލަތައް ކުރިއަށް ގެންދާ ކަމަށެވެ.
" އެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭ. ބޭނުން ވަނީ ހުރިހާ މައްސަލައެއް ވެސް ވީ އެންމެ އަވަހަކަށް ނިންމަން. އަދި އެ މައްސަލަ އަކީ ކޯޓުން ކޮށްފައިވާ ހުކުމަކަށް ނުވުމުން އެމައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައި،" ޝަފީއު ވިދާޅުވިއެވެ.
މަހުލޫފްގެ މައްސަލަ ފަސްކުރުމާއި ގުޅުގެން ޓްރާންސްޕޭރަންސީއިން ވެސް ވަނީ ކޯޓުތަކުން ހަމަހަމަ ކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ގޮވާލާފައެވެ. އަދި މަހުލޫފްގެ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށާއި، މިގޮތަށް ކަންކަން ކުރުމުން ހެކި ނައްތާލުމަށް ފުރުސަތު ފަހިވެފައި ވާކަމަށްވެސް ޓްރާންސްޕޭރަންސީއިން ވަނީ ބުނެފައެވެ.
ކޮވިޑް ގެ ހާލަތު ގޯސްކަމަށް ބުނެ މަހުލޫފްގެ މައްސަލަ ފަސްކޮށްފައި ވީނަމަވެސް އެ ކޯޓުގައި އެހެން ޝަރީއަތްތަށް އަންނަނީ ބާއްވަމުންނެއެވެ. އެގޮތުން މިއަދު ހެނދުނު ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.