ads
ހިމަބިއްސަށް ހަތްވަނަ މީހަކު ޕޮޒިޓިވް ވެއްޖެ
ހިމަބިއްސަށް ޓެސްޓު ކުރި މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
Advertisement

ހެލްތު މިނިސްޓްރީން އާންމުކުރާ ހިމަބިއްސާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 113 މީހަކު ވަނީ ހިމަބިއްސަށް ޓެސްޓް ކޮށްފަ އެވެ. މީގެތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރި މީހުންގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. 

ހިމަބިއްސަށް މިއަދު ޕޮޒިޓިވްވި މީހާއާ އެކު ހިމަބިއްސަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފަ އެވެ. 

ހިމަބިހި ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރުހީވެފައި މިވަނީ މި ބަލި ރާއްޖެއިން ނައްތާލިތާ ދޮޅު އަހަރު ފަހުން މިމަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކުއްޖަކު ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ. ހިމަބިހި ޖެހިފައިވާ ކުއްޖަކު ފާހަގަވުމާ ގުޅިގެން ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ.

ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.

ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް