ads
އިންޑިއާ އައުޓް ހަރަކާތަށް ރައީސް ޔާމީން ދުވާފަރަށް ވަޑައިގެން ރައްޔިތުންނާއި ސަލާމް ކުރަނީ
އިންޑިއާ އައުޓް ގޮވާނަމަ އަދަބު ލިބޭގޮތަށް ބިލެއް ޑްރާފްޓު ކުރަނީ!
ރާއްޖެއާއި ބޭރުގެ ގައުމު ތަކާއި ދެމެދު އޮންނަ ހާރިޖީ ގުޅުމަށް އަސަރުކުރާފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ފަށައިފިއެވެ.
Advertisement

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" ގެ ނަމުގައި ހުށައެޅުމަށް ތައްޔާރުވަމުންދާ މި ބިލްމި ހަފްތާ ތެރޭ މަޖިލީހަށް ހުށައަޅަން ދަނީ ތައްޔާރުު ވަމުންނެވެ. 

މި ބިލްގެ ޑްރާފްޓުގައި ވާގޮތުން ނަމަ ބިލްގެ މަގްސަދަކީ، ރާއްޖެއާއި އެކު ހާރިޖީ ގުޅުން ގާއިމް ކޮށްފައިވާ ގައުމު ތަކާއި މެދު އޮންނަ ގުޅުމަށް އަސަރު ކުރާފަދަ ކަންކަން ކުރުން ހުއްޓުވުމެވެ. މީގެ އިތުރުން ޑްރާފްޓުގައި ވާގޮތުން ނަމަ، ގައުމު ތަކާއި މެދު އޮންނަ ގުޅުމަށް އަސަރު ކުރާފަދަ ކަންކަން ކުރާ ފަރާތްތަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ހިމެނެ އެވެ. 

މީގެ އިތުރުން މި ބިލް މަޖިލީހުން ފާސްވެއްޖެނަމަ ފާސް ކުރާ ދުވަހުން ފެށިގެން މި ބިލަށް އަމަލު ކުރަން ޖެހޭ އިރު، ބިލަށް އަމަލު ކުރުމަށް ގަވައިދެއް ނުވަތަ ގަވައިދުތަކެއް ހަދަން ޖެހޭނަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ގަވައިދުތަކެއް ހަދަން ޖެހެއެވެ. އަދި މި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ފޮރިން މިނިސްޓަރު ނުވަތަ ހާރިޖީ ކަންކަން އެދުވަސް ވަރެއްގައި މަތިކޮށްފައިވާ ވަޒީރު ކަމަށްވެސް ޑްރާފްޓުގައި ވަނީ ބުނެފައެވެ. 

ނުވަ މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ޑްރާފްޓު މިހާރު އެމްޑީޕީގެ މެމްބަރުންނަށް ވަނީ ފޮނުވިފައެވެ. އެހެން ކަމުން މި ޑްރާފްޓަށް އަދި އިތުރު ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. 

އެމްޑީޕީއިން މިފަދަ ބިލެއް މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުން މިދަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ދުވަސްވަރެއްގައި ކަން ފާހަގަ ކޮށްލެވެއެވެ. 

އަދި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މި ހަރަކާތަކީ، ހުއްޓުވަން ޖެހޭ ހަރަކާތެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ހުރިހާ ޕާޓީއަކުންވެސް ވަނީ މީގެ ކުރިންވެސް ގޮވާލާފައެވެ. އެހެން ކަމުން މި ބިލް މަޖިލީހުން ފާސްވާނެ ކަމަށް ލަފާ ކުރެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް