ކޮމަންޑޫ ދާއިރާއަށް ޕީޕީއެމުން ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަގާމުތައް ވެސް ދޭނީ އެ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ރައްޔިތުންނެއް ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމް މެމްބަރުން ނޫން އެހެން ފަރާތްތަކަށް ވަޒީފާ ނުދޭނެ ކަމަށް ރައީސް ވިދާޅުވެފައި ނުވާނެކަމަށެވެ.
އަދި ވަޒީފާ ދިނުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ކަމަށް ވިދާޅުވެފައި ނުވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހިންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށާއި، އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެންވި ބޭފުޅެއް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ކޮމަންޑޫ ދާއިރާގެ ކެމްޕޭން ރަސްމިއްޔާތެއްގައި ޖެނުއަރީ 29 ވަނަ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށްދޭނެ ކަމަށާއި ނޫން ނަމަ އެއަށްވުރެ ބޮޑު ވަޒީފާއެއް ދޭނެ ކަމަށެވެ.
ރައީސް ޔާމިން އެގޮތައް ވައުދުވެ ވަޑައިގަތުމަށް ފަހު ވިދާޅުވީ އެގޮތައް ކަންތައް ކުރައްވަން ޖެހެނީ މިހާރުގެ ސަރުކާރުން އަނިޔާވެރިކޮށް ވެރިކަން ކުރައްވާތީ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ދެން ވަޒީފާ ދޭނީ ޕީޕީއެމް ކުދިންނަށްކަން ކޮމަންޑޫ ދާއިރާއަށް އެމަނިކުފާނު ދާދި ފަހުން ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ ދާއިރާގައި ތިބި އެ ޕާޓީގެ މީހުންގެ ގާތު ދަންނަވާފައިވާނެ ކަމަށެވެ.