ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް މަނިކް ވިދާޅުވީ އޭނާ މާލޭ މުނިސިޕަލްޓީގެ ރައީސްގެ ގޮތުގައި ހުންނެވި އިރު މާލޭ ދަފްތަރު ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ.
"ދެން އެހާތަނުން ދަފްތަރުގައި ޖެހެވޭނީ ހަމައެކަނި މާލޭގެ ރަށްވެއްސަކަށްވާ މީހަކު. މިސާލަކަށް ކޮންމެވެސް ސަބަބަކާއި ހުރެ އެގޭ ރަޖިސްޓްރީން ބޭރުކޮށްލީމަ،" މުނިސިޕަލްޓީގެ ރައީސްގެ ގޮތުގައި ހުންނެވި އިރު މާލޭ ދަފްތަރުގެ ކަންކަން ބެލެހެއްޓެވި ގޮތް ކިޔާދެއްވަމުން އާދަމު މަނިކު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަން ކުރިން ވެސް ދުވަސްކޮޅަކަށް ކުރައްވާފައިވާ އާދަމު މަނިކު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ވޯޓު އިތުރުކުރުމަށް ދަފްތަރު ހުޅުވުމަށްފަހު އިތުރު މީހުން ދަފްތަރުގައި ޖެއްސި ކަމަށެވެ.
މާލޭ ދަފްތަރުގައި ތިބޭތާ 30 އަހަރު ވެފައި ތިބި މީހުންވެސް އެބަތިބިކަން ފާހަގަކުރައްވަމުން އާދަމު މަނިކު ވިދާޅުވީ ދަފްތަރުގައި އެހެން މީހުންނަށް ޖެހުމުގެ ފުރުސަތު ދިނުމުން މާލޭ ރައްޔިތުން ލިސްޓުގެ ފަހަތަށްދާ ކަމަށެވެ. އަދި އެއީ މައްސަލައެއް ކަން ފާހަގަކުރައްވަމުން އާދަމު މަނިކު ވިދާޅުވީ އޭނާގެ މޭޔަރު ކަމުގައި މާލޭ މީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްފަހު ނޫނީ އެ މައްސަލައިގައި އެހެން ބަޔަކަށް އިސްކަން ނުދެއްވާނެ ކަމަށެވެ.