ads
ޖެންޑާ މިނިސްޓްރީ-- ފޮޓޯ: ޗެނަލް13
ޖެންޑާއަށް 283 މައްސަލައެއް، އެންމެ ގިނައީ ކުޑަކުދިންގެ މައްސަލަތައް!
ޖެންޑާ މިނިސްޓްރީއަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 283 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މީގެތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ މައްސަލަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އިއްޔެ އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށްވާއިރު މި ބާވަތުގެ 66 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މީގެއިތުރުން ޖިންސީ ހާނީއްކައިގެ 27 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 14 މައްސަލައަކާއި ގެވެށި އަނިޔާ ކުރާ ތަން ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަތަރު މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހަމައެހެންމެ ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 17 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ވެކްސިން ނުދިނުމުގެ ހަތް މައްސަލައާއި، ތައުލީމަށް ހުރަސް އެޅުމުގެ ހަ މައްސަލައާއި، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ ދެ މައްސަލައެއްގެ އިތުރުން ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ އެއް މައްސަލަ އަދި ގަދަކަމުން ނުވަތަ މަޖުބޫރުން ކައިވެނި ކުރުވުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއަށްފަހު ދެން އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަ އެވެ. އެގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ އެވެ. އެގޮތުން މި ބާވަތުގެ 18 މައްސަލަ މިމުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެއިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 11 މައްސަލައާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ހަ މައްސަލައާއި އިހުމާލުވުމުގެ ދެ މައްސަލައެއްގެ އިތުރުން ރޭޕް ކުރުމުގެ ދެ މައްސަލަ އާއި ޖިންސީ ހާނިއްކަކުރުމުގެ އެއް މައްސަލައަކާއި ފާރަލުމުގެ އެއް މައްސަލައަކާއި ޖިންސީ ފުރައްސާރަކުރުމުގެ އެއް މައްސަލައާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ ހިމެނެ އެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 7 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމުގެ އެއް މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ އެއް މައްސަލަ އަދި ތަންތަނަށާއި ތަކެއްޗަށް ގެއްލުންދިނުމުގެ އެއް މައްސަލަ ހިމެނެ އެވެ.

މީގެއިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 13 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ހަތް މައްސަލަ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް