ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުކުމް އިއްވުމަށް ތައްޔާރުވެފައި ވަނިކޮށް އެސްޖޭއިން މައްސަލަ އަނބުރާ ނަގައިފި
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރުމަށް 2018 ވަނަ އަހަރު ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން ގޯސްކޮށް އުވާލިކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް އިއްވަން ނިންމާފައި ވަނިކޮށް އެސްޖޭ ކޮންސްޓްރަކްޝަން އިން މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
Advertisement

އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި 111 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށް އެސްޖޭއިން ދައުލަތާއި ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެކުންފުންޏާއި އެއްކޮޅަށް ކާމިޔާބު ނުވުމުން އެކުންފުނިން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. 

މައްސަލަ އިސްތިއުނާފް މަރުހަލާގައި ވަނިކޮށް އެސްޖޭ އިން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ސަރުކާރާ އެކު އެއްބަސްވުމަކަށް އައިސް، އެސްޖޭގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް އަޅަން މިމަހުގެ 23 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

އެސްޖޭއިން މައްސަލަ އަނބުރާ ނެގީ، އެ މައްސަލާގެ ހުކުމް އިއްޔެ އިއްވަން ހަމަޖައްސާފައި ވަނިކޮށެވެ. އެ މައްސަލަ އަނބުރާ ގެންދަން އެކުންފުނިން ކޯޓަށް ސިޓީ ފޮނުވުމުން އެ މައްސަލައިގެ ދައުވާ ފޯމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. 

އެސްޖޭއިން މައްސަލަ އަނބުރާ ގެންދިއުމަށް ނިންމުމުން، އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ރައުޔަ ތަފާތުވިއެވެ. އެގޮތުން މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، އެސްޖޭއަށް މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށާއި، އެއީ އެސްޖޭ އިން ކުރި އިސްތިއުނާފް މައްސަލައެއްގައި، އެސްޖޭ އިން އަމިއްލައަށް ގޮތް ނިންމުމަށް ފަހު ފޮނުވާ ސިޓީއަކަށް ބިނާކޮށް މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އެހެން ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުން ނިންމެވީ އެ މައްސަލަ އެސްޖޭ އިން އެދުނު ގޮތަށް އަނބުރާ ގެންދަން ފުރުސަތު ދިނުމަށެވެ.

އެ ސެޓަލްމަންޓް އެއްބަސްވުމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަނީ މެއިން ހޯލް އަދި އައުޓް ޑޯއާއެކު 3،000 މީހުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވާ ޒަމާނީ މިސްކިތެކެވެ. އެ މިސްކިތުގައި އަންހެނުންނަށްވެސް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އެ މަޝްރޫއަކީ 427 ދުވަސްތެރޭގައި ނިންމަން 35 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް