ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު ސީއެންއެމްއަށް ވިދާޅުވީ މީގެ ކުރިން އެރަށް ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާ ކަމަށާއި، ކޮވިޑްގެ ކަންކަން ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެޗްޕީއޭއާއި، އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އެންގުންތަކާއި ހިލާފަށް އެސްކޫލުގެ ޓީޗަރެއް އަމަލުކޮށް އަދި އެކަން ސްކޫލުން ނުބެލުމުގެ ނަތީޖާއެއްގެ ގޮތުން މުޅިރަށަށް މިހާރު ބަލި ފެތުރެމުން ދާކަމަށެވެ.
"މިހާރު އެބައުޅޭ 26 މީހުން ޕޮޒިޓިވް. ރަށަށް މިހާރު ފެތުރެމުން ދަނީ " ފައިޒަރު ވިދާޅުވިއެވެ.
މިކަމާގުޅިގެން ކައުންސިލް ރައީސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެސިޓީއާ ގުޅިގެން އެރަށު ސްކޫލްގެ އިސްލާމް ޓީޗަރު މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.
"ވަރަށް އަވަހަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އަންނާނެ ކަމަށް ވިދާޅުވެފަ އޮތީ މިމައްސަލައާ ގުޅިގެން. އަދި ވަކި ތާރީހެއް ނޭނގޭ" ފައިޒަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލް ތެރޭގައިވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެރަށު ކައުންސިލްގެ އެހެން މެންބަރެއް ކަމަށްވާ މުހައްމަދު ޝަމްހަތު ސީއެންއެމްއަށް ވިދާޅުވީ ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވަނީ ކައުންސިލްގެ އެހެން މެންބަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި އެރަށުގެ ކޮވިޑް ޓާސްކްފޯހާވެސް މަޝަވަރާ ކުރުމެއް ނެތިކަމަށެވެ.
ޝަމްހަތު ވަނީ މިކަމާމާގުޅިގެން ސޯޝަލް މީޑިއާގައިވެސް ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
އަދި މިމައްސަލާގައި ފިޔޯރީ ކައުންސިލުން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާން އަމާޒު ކޮށްފައިވަނީ ޝަމްހަތުގެ ފޭސްބުކް ޕޯސްޓަށެވެ.ބަޔާނުގައި ބުނެފައިވަނީ ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއިން ފޮނުވި ސިޓީއަކާއި ގުޅިގެން މުވައްޒަފަކު ވަޒީފައިން ވަކިވެފައިވާ ކަމަށް 30 ޖެނުއަރީ 2022 ގައި މިއިދާރާގެ ސޯޝަލްމީޑިޔާގައި ލިލިޔެފައިވާ ކަމަށެވެ.
ކައުންސިލުން ނެރުނު ބަޔާނުގައިވަނީ އެ އިދާރާއިން ފޮނުވި ސިޓީއަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެކައުންސިލާއި މަތިކޮއްފައިވާ ކަންކަމުގެ ތެރެއިން، ވަކި ފަރުދަކު ދެވަނަ ބަޔަކު ކުރާކަމެއްގެ ސަބަބުން ރަށުގެ ހާލަތަށް ނޭދެވޭ އަސަރު ކުރާނަމަ އެކަން ބަލާ ރަނގަޅު ކުރުމަށް އަންގަންޖެހޭ މުއްސަސާތަކަށް އެންގުމުގެ ގޮތުން ފޮނުވުނު ސިޓީއެއް ކަމަށެވެ.
އަދި މިގޮތުން 28 ޖެނުއަރީ 2022 ގައި އެއިދާރާއިން އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީ އެއްފޮނުވީ، ކޮވިޑްގެ ހާލަތާއި ގުޅިގެން އަމަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވުނު ސާކިއުލާ އަށް ފިޔޯރީ ސްކޫލުން އަމަލްކޮއްފައި ނުވާކަމުގެ ގިނަ ޝަކުވާތައް އެއިދާރާއަށް ލިބުމުންކަމަށެވެ.
އަދި ކައުންސިލުން ބުނީ މިސްކިއުލާ އިން އަންގާފައިވާ ކަންކަންކަމަށް އަމަލު ކޮއްފައިނުވުމީ ފިޔޯރީގައި ފުރަތަމަ ފަހަރަށް ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ އަސާސް ކަމުގައި އެއިދާރާއިންދެކޭ ކަމަށެވެ.
"ކައުންސިލުން ފޮނުވި ސިޓީގެ މަޤްޞަދަކީ ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ކަންކަން މިގޮތަށް ތަކުރާރުވިޔަ ނުދިނުން ކަމަށްވެސް ބަޔާނުގައި ވެއެވެ.
އެހެންކަމުން ކައުންސިލުން ފޮނުވި ސިޓީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާކަމަށް ސޯޝަލް މީޑިޔާގައި ލިޔުއްވާފައިވާ ޕޯސްޓަކީ ޒިންމާދާރު ކަމެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅޭގޮތަށް، ސާބިތުހިފާފަދަ މަޢުލޫމާތެއްގެ މައްޗަށް ބިނާކުރުމެއްނެތި، ވަކި މަގުސަދެއް ހާސިލް ކުރުމަށް ލިޔުއްވާފައިވާ ހަޤީޤަތާއި ހިލާފް ޕޯސްޓެކެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ހައްޤުގައި ކުރަން ޖެހުނު ކޮންމެކަމެއް މިކައުންސިލުން ޒިންމާދާރު ކަމާއެކު ކުރާނެ ވާހަކަވެސް ދަންނަވަމެވެ." ކައުންސިލްގެ ބަޔާނުގައި ވެއެވެ.