ads
ކޮމަންޑޫ އާއި މަތި ކޮމަންޑޫ
ކައުންސިލުން ދައްކާނީ ހިޔާލީ ވަހަކަ! އީޕީއޭއިގެ ވާހަކަ މުޅިން ތަފާތު!
އީޕީއޭއިން ބުނަނީ ވެލި ނެގުމުގެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށް
މަތި ކޮމަންޑޫ ހިއްކުމަށް ރ. އުނގޫފާރު ބިން ހިއްކުމަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުން، ވެލިނަގަމުން ދަނީ ކަނޑައެޅިފައިވާ އުސޫލު ތަކާއި ހިލާފަށް ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވާ ވާހަކަ އަކީ ލިޔެފައި ނެތް އެއްޗެއްގައި ބުނާ ވާހަކަތަކެއް ކަމަށް ބެލެވޭ ކަހަލަ ވާހަކައެއް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ދައްކާއިރު އެމައްސަލާގައި އީޕީއޭއިން ދައްކަނީ މުޅިން ތަފާތު ވާހަކަ އެކެވެ.
Advertisement

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ރާއްޖޭގެ ބައެއް މީޑިއާ ތަކަށް ވިދާޅުވެފައި ވަނީ، މަތިކޮމަންޑޫ ހިއްކަން ރ. އަތޮޅުން 580،000 ކޮޑިމީޓަރުގެ ވެލި ނެގޭނީ އަލުން އީއައިއޭ ރިޕޯޓެއް ހަދައިގެން ކަމަށާއި، އެކަން ހުއްޓުވައި ދިނުމަށް އެދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. 

އެއީ އަތޮޅު ކައުންސިލުގެ ރައީސްގެ ވާހަކަ އެވެ. އޭނާގެ ވާހަކަގައި އެ ވިދާޅުވަނީ ރ. އަތޮޅުން 580،000 ކޮޑިމީޓަރުގެ ވެލި ނެގޭނީ އަލުން އީއައިއޭ ރިޕޯޓެއް ހަދައިގެން ކަމަށެވެ. ވަރަށް ފާޅުކޮށް ބޮޑުކޮށް އެ ދައްކަވާ ވާހަކަ ދައްކަވާއިރު އެ ވާހަކަގެ އަޑު ގަދަވި ނަމަވެސް އެ ވާހަކައަށް ކަމާބެހޭ އިދާރާއިން މާ ބޮޑު އަޅާލުމެއް ދޭ ތަނެއް ނުފެނެ އެވެ.

މިކަމާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން، އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ، މަތި ކޮމަންޑޫގެ މަޝްރޫއު އަށް ބޭނުންވާ ވެލި ނަގަމުން ދަނީ ލާމަރުކަޒީ ގާނޫނުގައި ވާގޮތުގެ މަތިން ކަމަށާއި، އެހެން ކަމުން އެމަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި އީޕީއޭގެ ހުއްދަ ނުހޯދާ ކަނޑުން ވެލި ނެގުމުގެ މަސައްކަތް ވެސް ނުކުރެވޭނެ ކަމަށްވެސް ނައީމް ވިދާޅުވިއެވެ. 

"މި މަސައްކަތް ކުރަމުން އެދަނީ، ލާމަރުކަޒީ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން. އެހެން ކަމުން މިކަން ނުހުއްޓުވޭނެ. ރާއްޖޭގެ ކަނޑުގެ އެއްވެސް ސަރަހައްދަކުން ވެލި ނަގައިގެން ތަނެއް ހިއްކުމުގެ ކުރިން އީޕީއޭގެ ހުއްދަ ހޯދާނެ. ހުއްދަ ހޯދުމަށްފަހު އެކަމެއް ކުރިއަށް ގެންދާނީ." ނައީމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގައި ވާގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުރެވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން ތަންތަނަކީ ދައުލަތުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެއް ކަމަށް ވެސް ލާމަރުކަޒީ ގާނޫނުގައި ވަނީ ބުނެފައެވެ. 

ރ. އަތޮޅު ކައުންސިލްގެ ރައީސް ނާސިފް މީޑިއާ ތަކަށް ވިދާޅުވީ، މަތިކޮމަންޑޫ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. 

ވެލި ނަގާ މައްސަލަ ބޮޑުވެފައިވާއިރު އަތޮޅު ކައުންސިލުގެ ވާހަކަތަކާ ގުޅިގެން އީޕީއޭއަށް ވެސް އަންނަ ޝަކުވާގެ ފޯނު ކޯލުތައް މަދެއްނޫނެވެ. މިހާރު ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެތާ ކައިރީގައި އޮންނަ ރަށްރަށަށް ގެއްލުންވާނެތޯ ވެސް ސާފުކުރުމަށް ވެސް ގުޅި ކަމަށް ވެ އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ސަރުކާރުން ފަށާ ފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވެފައިވަނިކޮށެވެ. ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ އަށާއި އެ ކޮމަންޑޫ ދާއިރާގައި ހިމެނޭ އަނެއް ދެ ރަށްކަމަށްވާ ފޯކައިދޫ އާއި މަރޮށީގައި ވެސް އިތުރު މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.

މިކަމާއި ގުޅިގެން ނާސިފްގެ ބަހެއް ހޯދުމަށް ސީއެންއެމް އިން ކުރި މަސައްކަތް އެބޭފުޅާ ފޯނު ނަންގަވާފައި ނުވާތީ ވަނީ ލިބޭގޮތް ނުވެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް