ads
ގުޅީގައި ފެނާ ނަރުދަމާގެ ހިދްމަތް ދޭން ފެށުން
ސްޓެލްކޯއިން ގުޅީގެ ފެނާއި ނަރުދާމާގެ ހިދުމަތްދޭން ފަށައިފި
ސަރުކާރުން ކ. ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި އެވެ.

މިއާއެެކު މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ. ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވީ އެކަމަށްޓަކައި މިއަދު ގުޅީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ ދެ އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް އެއް ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ ތިން ތާންގީ ވަނީ ބެހެއްޓިފަ އެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ.

your imageގުޅީގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން

ތިން އަހަރު ކުރިން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު ފެނާ ނަރުދަމާގެ ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ހިދުމަތެއްކަން މުޣުނީ ވިދާޅުވި އެވެ. 

" މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ހިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވާ، މި މަޝްރުޢުގެ ދަށުން މި ދެ ހިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ހިދުމަތް ފަށައިގަންނަ ފުރަތަމަ ރަށަކީ ވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން،" މުޣުނީ ވިދާޅުވި އެވެ. 

your imageގުޅީގައި ފެނާއި ނަރުދަމާ ގެ ހިދްމަތް ފެށުން

ގުޅި އަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް މުޣުނީ ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކ. ގުޅި ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ، މީގެ ކުރިން އެރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން، ތަފާތު ހިތްދަތި އަދި ދަތި އުނދަގޫ ދުވަސްތައް ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ 24 އަހަރު ކުރީގެ ވަގުތީ ނަރުދަމާ ނިޒާމުގެ ހިދުމަތަކީ މާޒީކަން ފާހަގަކުރައްވާ،  މިއަދު އިފްތިތާހް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމު ގެ މަޝްރޫއަކީ މިހާތަނަށް ރަށުގެ ތާރިހުގައި ސީދާ ރަށުގެ ރައްޔިތުންނާއި ގުޅޭ އެންމެ މަންފާލިބިގެންވާ މަޝްރޫޢު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.  އަދި މިކަމުން އަންގައިދެނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރުގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަ ޑރ. އަލީ އަޒްވަރާއި، ކުންފުނީގެ ބައެއް ބޯޑް މެމްބަރުންނާއި، އިސްވެރިންގެ އިތުރުން، ގުޅީ ކައުންސިލް މެމްބަރުންނާއި، އެންވައިރަމެންޓް މިނިސްޓްރީ އާއި، ޕްލޭނިން މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް