އެކުންފުނިން މިއަދު ބުނީ އެ އަތޮޅުގެ މިލަންދު އާއި ކަނޑިތީމުގެ ފެނާއި ނަރުދަމާގެ ނިޒާމުގ ގާއިމު ކުރުމަށް ހިންގި 135.5 މިލިއަން ރުފިޔާގެ މަޝްރޫއުތައް ނިމިފައިވާއިރު ށ. ފީވަކުގެ ފެނުގެ ނިޒާމާއި ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ 97 މިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ފީވަކުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި 18.9 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމް ކުރުމުގެ މަސައްކަތްކަމށް އެމްޑަބުލިޔުއެސްސީން ބުނެ އެވެ.
"މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނޭ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ،" އެމްޑަބުލިޔުއެސްސީން ބުނެވެ..
އެމްޑަބުލިޔުއެސްސީން ބުނިގޮތުގައި ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ޤާއިމް ކުރުމުގެ މަސައްކަތް ތަކާއި ފެން ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ ހަތަރު ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނޭކަމަށް ފެން ކުންފުނިން ބުނެ އެވެ.
ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށާއި މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެކުންފުނިން ބުނީ އާބާދީގެ ކުޑަ ބޮޑު މިނަށް ބެލުމެއް ނެތި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ.
މި ވައުދު ފުއްދުމުގައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނިީ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށާއި 1.76 ބިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލު ކޮށްފައިވާކަމަށް ކުންފުނިން ބުންޏެ އެވެ.