ads
ދިއްދޫގައި އެހެން ގަބުރުސްތާނަކަށް ބަދަލު ކޮށްފައިވާ މަހާނަގާތައް ފޮޓޯ ފޭސްބުކް
މަހާނަ ގާތަކާ ބެހޭގޮތުން ހެރިޓޭޖުން ހަދަނީ ދޮގެއް: ދިއްދޫ ކައުންސިލް
ހއ. ދިއްދޫ ގަބުރުސްތާނުގައި ހުރި ގާތަކުގެ މައްސަލާގައި ހެރިޓޭޖް މިނިސްޓްރީން ހަދަނީ ދޮގެއް ކަމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ.
Advertisement

ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިއްދޫގެ ގަބުރުސްތާނުގައި ހުރި ދުވަސްވީ ހިރިގަލު މަހާނަގާތަކެއް ނަގައި، ގާފުންޏަކަށް ވާހެން އުކާލާފައިވާތަން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންދާ ކަމަށާއި، އަދި މިކަން ބައެއް ނޫސްތަކުގެ ފަރާތުން ވެސް ވަނީ އެ މަރުކަޒުގެ ސަމާލުކަމަށް ގެނެސްފައި ވާކަމަށެވެ.

"މި މަރުކަޒުން ބެލި ބެލުމުން އެނގުނު ގޮތުގައި ދިއްދޫ ޤަބުރުސްޠާނުގެ ޖާގަ ކުޑަވެގެން އެ ޤަބުރުސްޠާނުގައި ކުރިން މީހުން ވަޅުލާފައިވާ ސަރަޙައްދު އަލުން ބޭނުން ކުރުމަށްޓަކާ އެތަން ސާފުކުރުމަށް މި ގައުތައް ނަގާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ." ބަޔާނުގައިވެއވެ. 

އެކަމަކު ދިއްދޫ ކައުންސިލުން ބުނީ އެއީވެސް ދޮގު ވާހަކައެއްކަމަށެވެ. 

ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ސީއެންއެމްއަށް ވިދާޅުވީ އެމަހާނަގާތަކަކީ 2017 ގައި ނަގާފައިވާ މަހާނަ ގާތަކެއް ނޫން ކަމަށާއި، މަހާނަގާތައް ނެގިތާ އަދި ދެމަސް ދުވަސް ވެސް ނުވާ ކަމަށެވެ. 

"މަހާނަ ގާތައް ނެގުމުގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ގެއްލުން ނުވާވާހަކައެއް ނޫން. އެކަމަކު މަހާނަ ގާތައް ހުންނާނީ އަނެއް ގަބުރުސްތާނަށް ފަރުވާތެރިކަމާއެކު ބަދަލު ކޮށްފައި. ކައުންސިލް އިދާރާއަށް ލައިގެން ނުގެންގުޅެވޭނެ އެއެއްޗެހި،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. 

ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ އިހުގެ މިފަދަ މަހާނަގާ ތަކަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން މަތީފެންވަރަކަށް ދައްކުވައިދޭ ތަކެއްޗަށް ވުމާއި، މަހާނަގަލުގައި ހުންނަ ލިޔުންތަކަކީ އެ ލިޔުންތައް ދިރާސާކޮށްގެން ރާއްޖޭގެ ތާރީހަށް އާ މައުލޫމާތުތަކެއް ލިބިގެން ހިނގައިދާނެ ފަދަ ލިޔުންތަކެއް ކަމުން، ދިވެހިންގެ ތާރީހާއި ސަގާފަތް ދެމެހެއްޓުމަށްޓަކައި މިފަދަ މަހާނަގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް އެ މަރުކަޒުން ދެކޭކަމަށެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނީ މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނިފައި އޮންނަ ކަމަކަށް ވާއިރު، އެ މަރުކަޒުން ދެކޭ ގޮތުގައި ދިއްދޫ ގަބުރުސްތާނުން ނަގާފައި ހުރި ހިރިގަލު މަހާނަގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ދިއްދޫ ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަރުކަޒުން މިހާރު  ދަނީ މި މަހާ ނަގާތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާއި މަޝްވަރާ ކުރަމުންކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކައުންސިލުން ބުނީ ހެރިޓޭޖް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެމަހާނަގާތައް މާލެއަށް ގެންދަން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.  

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ހުރި މިފަދަ، ދިވެހިންގެ މަސައްކަތްތެރިކަމާއި، ތާރީހު ފެންނަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީ މި މަރުކަޒާއި، ކައުންސިލްތަކާއި އަދި އާންމު ފަރުދުންގެ ވެސް ގާނޫނީ ޒިންމާއަކަށްވާއިރު، މިފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން، ތާރީހީ ގޮތުންނާއި، އަދި ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން އިގުތިސާދީ ގޮތުން މިތަކެތީގެ ބޭނުން ހިފޭނެ ވިސްނުންތައް އިސްކުރުމަށް މި މަރުކަޒުން ކައުންސިލްތަކާއި ފަރުދުންނަށް އިލްތިމާސްކުރާ ކަމަށް ހެރިޓޭޖްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. 

ދިއްދޫގައި ދެ ގަބުރުސްތާން އޮވެއެވެ. އެހެން ނަމަވެސް ދެ ގަބުރުސްތާން ވެސް ފުރިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންވެ ދާދި ފަހުން އެމްޓީސީސީގެ އެހީތެރިކަމާއެކު އެއް ގަބުރުސްތާނަށް ވަނީ ފަސްއަޅާފައެވެ. މަހާނަގާތަކަކީ ފަސްއެޅި ގަބުރުސްތާނުގައި ހުރި މަހާނަގާތަކެވެ. އެގާތައް މިހާރު ހުރީ އަނެއް ގަބުރުސްތާނަށް ބަދަލު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް