
އެގޮތަށް ނިންމާފައި ވަނީ އިނގިރޭސި ރައްޔިތުން ޗައިނާއަށް ދިޔުން މެދުކަނޑާލުމަށް އެގައުމުގެ ފޮރިން އޮފީހުން ޓްރެވަލް އެޑްވައިޒަރީއެއް ނެރިފައި ވަނިކޮށެވެ.
ލަންޑަނުގެ ހީތްރޯ އެއާޕޯޓުން ކޮންމެ ދުވަހަކު ވެސް ބްރިޓިޝް އެއާވޭޒްގެ ފްލައިޓުތައް ޗައިނާގެ ޝަންހާއީ އައި ބެއިޖިން އަށް ދަތުރު ކުރެ އެވެ.
ނަމަވެސް ފްލައިޓުތައް ސަސްޕެންޑް ކުރަން ނިންމުމާއެކު ދެން އެ އެއާވޭޒްގެ އެއްވެސް ފްލައިޓެއް ޗައިނާއަށް ދަތުރެއް ނުކުރާނެ އެވެ.
ބްރިޓިޝް އެއާވޭޒްގެ އިތުރުން ޔުނައިޓެޑް އެއާލައިންސް އަދި ކެތޭ ޕެސިފިކް އެއާވޭޒް ފަދަ އެއާލައިންތަކުން ވެސް ވަނީ ޗައިނާއަށް ކުރާ ބައެއް ސީދާ ދަތުރުތައް ކެންސަލްކޮށްފަ އެވެ.
އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް 16 ގައުމަކަށް ފެތުރިފައި ވާއިރު، 132 މީހުން ވަނީ މަރުވެފަ އެވެ. މިއަދާ ހަމައަށް ގާތްގަނޑަކަށް 6،000 މީހުންނަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.
ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީން އެތައް ހާސް ބަޔަކު ދަނީ އަނބުރާ ގައުމުތަކަށް ދަމުންނެވެ. ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ވެސް ރާއްޖެ ގެނައުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ބައެއް ގައުމުތަކުން ޗައިނާއަށް ޓްރެވަލް އެޑްވައިޒަރީ ނެރިފައި ވާއިރު، އިއްޔެ ދިވެހި ސަރުކާރުން ބުނީ އެފަދަ އެޑްވައިޒަރީއެއް ނެރެން ޖެހޭ ހާލަތަށް އަދި ކަންކަން ނުދާ ކަމަށެވެ.