ވާދަވެރިކަން ބޮޑުވި ބައި އިލެކްޝަންގެ ވޯޓުގެ ނަތީޖާއިން އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު ހޮވުނުކަން ކަށަވަރުވުމަށް ފަހު ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަޒުމް ގުޑުވާ ނުލެވޭނެ ކަމަށާއި މަސައްކަތްތައް ދާނީ އިތުރުވަމުންކަމަށެވެ. އަދި ރައީސް ޔާމީނުގެ ފަހަތުގައި މުޅި ޕީޕީއެމް މިނާކާމިޔާބީގައި ވެސް ދެމިއޮތް ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމުން ވަނީ އިންތިހާބުގެ ނަތީޖާ ކަށަވަރުވުމުން ޕާޓީގެ ފަރާތުން ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
އިއްޔެ ބޭއްވުނު ބައި އިލެކްޝަން އެމްޑީޕީ ކެނޑިޑޭޓު ރާޝިދަށް ޖުމްލަ 1،401 ވޯޓު ލިބިވަޑައިގެންފައިވާ އިރު ޕީޕީއެމް ކެނޑިޑޭޓު މޫސާ ފަތުހީ އަށް ލިބިވަޑައިގެންފައިވަނީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އަށް ލިބިވަޑައިގެންފައިވަނީ 323 ވޯޓެވެ.