ads
ރައީސް މުހައްމަދު ނަޝީދު
ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެންނަށް ވެރިކަމުގައި ނުތިބޭނެ: ނަޝީދު
ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ, އެމްޑީޕީއަށް ދެން ވެރިކަމުގައި ދެމި ނުތިބެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ރައީސް ކަން ވެސް މިވަގުތު ފުރުއްވަމުން ގެންދަވާ ރައީސް ނަޝީދު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއަށް ރިއާޔަތްކޮށެވެ. 

އެމްޑީޕީގެ ކެންޑިޑޭޓަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުވިކަން ޔަގީންވުމުން އެމްޑީޕީ ވަޓްސްއެޕް ގުރޫޕަށް އައި މަރުހަބާގެ މެސެޖްތަކަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވީ، ކާމިޔާބުވި ނަމަވެސް 50 ޕަސެންޓު ހުރަސް ނުކުރި ކަމަށެވެ. އެހެންކަމުން ނަތީޖާއިން ފެންނަނީ ބަރުލަމާނީއަށް ބަދަލުނުކޮށް 2023ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ދިފާއު ނުކުރެވޭނެކަން ކަމަށެވެ.

"އެކަމަކު 50 ޕަސެންޓް ހުރަސް ނުކުރި, ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ،" ރައީސް ނަޝީދުގެ ރިޕްލައިގައި ވެއެވެ.

ކޮަމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރިގަދަ އިންތިހާބަށް މުޅި ސަރުކާރު ކެމްޕެއިން ކުރިއިރު ރައީސް ސޯލިހް އާއި އެކު ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ. ކެމްޕެއިންގެ ތެރެއިން ތަކުރާރުކޮށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ކެމްޕެއިން ކުރި ނަމަވެސް އިއްޔެގެ ނަތީޖާއިން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ކުރި ލިބުނީ 240 ވޯޓުގެ ތަފާތުންނެވެ. 

އެހެންކަމުން މިއީ އެމްޑީޕީން ހާއްސަކޮށް ރައީސް ނަޝީދު އުންމީދުކުރެއްވި ވަރުގެ ނަތީޖާއަކަށް ނުވެއެވެ. އިއްޔެ އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އެކަމުގެ މަރުހަބާ ނަޝީދު ވިދާޅުވީ ވެސް މިއަދު ހެނދުނެވެ. 

އެމްޑީޕީން އުއްމީދުކުރި ވަރުގެ ކާމިޔާބެއް އިންތިހާބުގައި ނުލިބޭކަން އެމްޑީޕީގެ އެހެން މަޖިލިސް މެންބަރުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން, އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް  ފާހަގަކު ރެއްވީ އިއްޔެ ލިބުނު ކާމިޔާބީއަކީ އެންމެ ފުރިހަމަ ކާމިޔާބެއް ނޫންކަމެވެެ.  

އޭނާ ވިދާޅުވީ އެމްޑީޕީ މެމްބަރުންނާ ސަޕޯޓަރުންގެ ތެރޭގައި އެއްވެސް ބާވަތެއްގެ ނުތަނަވަސްކަމެއް ނެތް ނަމަ، އިއްޔެގެ އިންތިހާބު މާބޮޑު ތަނުން ކާމިޔާބު ކުރެވުނީސް ކަމަށާއި، މެމްބަރުންނާ ސަޕޯޓަރުންގެ އަޑުއަހައި، އެ ނުތަނަވަސްކަން ފިލުވާލައި އާ ހިތްވަރާއެކު އެމްޑީޕީ ހިންދެމިލާންޖެހޭ ކަމަށެވެ. އަދި ޕާޓީގެ އިތުބާރު ނަގަހައްޓަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ބަރުލަމާނީ ނިޒާމަކަށް ދިޔުމާމެދު އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ބޭނުންވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން އެގޮތަށް ކުރާކަށް ބޭނުމެއެއް ނުވެއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީ ތެރެ ދެ ފެކްޝަަނަކަށް ބެހި މިދިޔަ އަހަރު ބޭއްވި ކައުންސިލު އިންތިހާބު އެމްޑީޕީއަށް ކާމިޔާބެއް ނުވިއެވެ. އެއާ އެކު އެމްޑީޕީ ނިކަމެތިވެ ރައްޔިތުންގެ މެދުގައި ބަލައި ނުގަންނަ ޕާޓީއަކަށް ބަދަލުވެދާނެ ކަމުގެ ބިރުވެރިކަން އުފެދުނެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެހާ ފޯރިގަދަވެ އެމްޑީޕީން މި އިންތިހާބު ކާމިޔާބު ކުރަން އެންމެ ބޮޑަށް ބޭނުންވި އެއް ސަބަބަކީ ވެސް ރައްޔިތުންގެ މެދުގައި އެމްޑީޕީ އޮތް ހިސާބެއް ދެނެގަތުމެވެ.

އިއްޔެގެ ނަތީޖާއިން ތަފާތު ކުޑަކޮށް ލިބުނު ކާމިޔާބީއާ އެކު އެމްޑީޕީގެ ވެރިކަން 2023ވަނަ އަހަރު ދިފާއު ނުކުރެވޭނެކަން ރައީސް ނަޝީދުއަށް ޔަގީންވެވަޑައިގަންނަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވިއިރު، މި ނަތީޖާ އާ އެކު އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު ކުރައްވާ މަސައްކަތް ފުޅާ ކުރައްވާނެ ކަމަށް ބެލެވެއެވެ. 

11%
ކަމުގޮސްފި
78%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް