ސައުދީގެ މިނިސްޓާ އޮފް ކޮމިނިއުކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން އަބްދުﷲ އަލްސްވަހާ ވިދާޅުވީ ފިއުޗާ ޓެކްނޮލޮޖީސް އަށް ޖުމްލަ 6.4 ބިލިއަން ޑޮލަރު ހޭދަކުރަން އެގައުމުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެއް ބިލިއަން ޑޮލަރު އެގައުމުގެ އެންއީއޯއެމް ޓެކް އެންޑް ޑިޖިޓަލް ކޮމްޕެނީ އަށް އިންވެސްޓްކުރަންވަނީ ނިންމާފައެވެ. އެ ކުންފުނިންވަނީ ސައުދީގެ އަމިއްލަ މެޓަވާސް އެއް ނުވަތަ ވާޗުއަލް ރިއަލިޓީ ސިޓީއެއް ހަދަން ނިންމާފަ އެވެ.
އަލްސްވަހާ ވިދާޅުވީ މި ފިޔަވަޅަކި ސައުދީން ތެލަށް ވާ ބަރޯސާވުން ކުޑަކުރުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ސައުދީ ރައްޔިތުންގެ އިތުރުން މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގިނަ ބަޔަކަށް ވެސް ފައިދާ ވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ސައުދީން މިކަން އިއުލާންކޮށްފައިވަނީ ރިޔާދުގައި ބޭއްވުނު "ލީޕް ޓެކްނޮލޮޖީ ފޯރަމް" ގަ އެވެ. މި ފޯރަމް ގައިވަނީ ޓެކްނޮލޮޖީ ގެ ތަފާތު ބާވަތްތަކާ ބެހޭ ގޮތުން އެތައް ލެކްޗާއެއް ކުރިޔަށް ގެންގޮސްފަ އެވެ.
ސައުދީގެ އަމީރު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ ވަނީ 2030 ގެ ކުރިން ސައުދީގެ އިގްތިސާދު ބަދަލުކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައެވެ. މިކަމުގައި ސައުދީން ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ވެސް ހޯދާފަ އެވެ.