
މިއަދު އިސްކަންދަރުކޮށީގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑު ގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުންނެވި ނަވީން، ފުލުހުންގެ އިސް އޮފިސަރުންނަށް އިރުޝާދު ދެއްވަމުން ވިދާޅުވީ، ކޮންމެ ފުލުހަކު ވެސް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައިވެސް އަވަސްއަރުވާލައިގެން ނިންމުންތައް ނުނިންމަވާ ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރައްވަންޖެހޭނެ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.
ބައްދަލުވުމުގައި ނަވީން އިތުރަށް ވިދާޅުވީ، ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަންޖެހޭ ބައެއް ކަމަށާއި، ޒިންމާދާރުކަމާއެކު އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުން ދަށުގައި މަސައްކަތް ކުރައްވައި ފުލުހުންނަށް މަގުދައްކައިދީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެކަމަށެވެ. މީގެ އިތުރުން، ފުލުހުންގެ މެދުގައި އޮންނަންޖެހޭ އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމާއި މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަން ދިނުމުގެ މުހިއްމުކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތްތައް ނިންމެވުމުގެ މުހިންމުކަން ވެސް ނަވީން ފާހަގަކުރެއްވިއެވެ.