ads
ޑިފެންސް މިނިސްޓަ މާރިޔާ އަހްމަދު ދީދީ
ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކޮށްފި
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ތަމްރީނުތައް ހިންގާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފިއެވެ.

ގިރިފުށީ ބަނދަރުގައި މިހާރު ލައިފައިވާ އެއްގަމު ތޮށްޓަކީ، 1998 ވަނަ އަހަރު ލައިފައިވާ ތޮށްޓެކެވެ. އަދި އޭގެފަހުން ގިރިފުށީ އެއްގަމު ތޮށީގައި 2002 ވަނަ އަހަރު ކޮންކުރީޓް ކެޕިން ޖެހުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އޭރު ކަނޑުތޮށި ހަދާފައި ހުރީ ފަރުމަތިން ގާ ނަގައިގެން ތޮށިގަނޑެއް ހެދުމަށް ފަހު ފެންސްބައި ޖަހައިގެންނެވެ. މިގޮތަށް ހެދުމުން، ކަނޑުތޮށި ވަނީ 4 އަހަރު ތެރޭ އެއްކޮށް ހަލާކުވެފައެވެ. އަދި އެކި ފަހަރުމަތިން މަރާމާތުކުރެވުނު ނަމަވެސް އެކަމަށް ދާއިމީ ހައްލެއް އޮތީ ނުލިބިފައެވެ.

ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

your imageގިރިފުށި ބަނދަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

މި މަޝްރޫޢު އިފްތިތާހްކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރު މާރިޔާ އަޙްމަދު ދީދީއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެންދާކަމީ، ދިވެހި ގައުމީ ދިފާޢީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އަދި، މަޝްރޫއު ފެށިގެން ދިޔުމަކީ، ސިފައިންނަކީ ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ހުރިހާ ހާލަތަކާ ވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ، "ފައިޓިންގ ފިޓް" ފޯރސްއަކަށް ހައްދަވަން، ރައީސް ގެންގުޅުއްވާ ހަރުދަނާ ތަސައްވުރަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ގާބިލުކަން އިތުރުކުރުމަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މުހިއްމު އިސްތިރާޖީ ލަނޑުދަނޑިކަމުގައި ވީހިނދު، އޭގެ އެންމެ މުހިއްމު އެލިމެންޓަކީ ޓްރެއިނިންގ ކަމުގައެވެ. އަދި، ގިރިފުށްޓަކީ ދިވެހި ސިފައިންގެ ހުރިހާ ކެރިއަރ ކޯސްތަކާއި އެހެނިހެން ޝޯޓް ކޯސްތަކާއި ތަފާތު ތަމްރީނުތައް ހިންގާ މުހިއްމު މަރުކަޒެއް ކަމަށާއި، އެހެންކަމުން، ގިރިފުއްޓަކީ ވީރާނާވާން ދޫކޮށް ނުލެވޭނެ އަދި އެތަނުގެ އިންފުރާސްޓްރަކްޗަރ އަލުން ބިނާކުރަން ޖެހޭ މަރުކަޒެއްކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

your imageގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ގިރިފުށީގައި: ފޮޓޯ/އެމްއެންޑީއެފް 

ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުއަކީ، 1998 ވަނަ އަހަރުން ފެށިގެން ދެކެމުންއައި ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދިޔުންކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ބަނދަރު އަޕްގުރޭޑް ނުކުރެވި އޮތުމުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ރަށަށް އަރާފޭބުމުގައި ހުރި ދަތިތަކާއި، ބޭރު ތޮށި އެހެން ހުރުމުން ހިންގަން ޖެހޭ ބައެއް ތަމްރީނުތައް ވެސް ނުހިންގުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމް ވިދާޅުވީ، ގިރިފުއްޓަކީ ހުރިހާ ދިވެހިންނަށް ނަމޫނާ ދެއްކުމަށް ޓަކައި ދިވެހި ސިފައިން ތައްޔާރުކުރާ މައި މަރުކަޒުކަމަށް ވާއިރު، މި މަރުކަޒަކީ ފުރިހަމަ އަދި ވަރުގަދަ ތަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި،   ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާ އެމްޓީސީސީއަށް އެމްއެންޑީއެފްގެ މަސައްކަތެއް ކުރަން ލިބުމަކީ ލިބިލައްވާ ހާއްސަ ޝަރަފެއްކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ، ދިވެހި ސިފައިންގެ މުއައްސަސާއިން އެދިލައްވާ މަސައްކަތްތައް އަދި ފްލެކްސިބަލް ފައިނޭންސިން ޓާމްތަކުގައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ވެސް ސިފައިންނަށް ކޮށްދެއްވުމަކީ އެމްޓީސީސީއަށް ލިބިގެންދާ އުފަލެއް ކަމަށެވެ. އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވަނީ، އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އަންނަ ޖުލައި މަހުގެ ކުރިން ނިންމައި ޑިފެންސް މިނިސްޓްރީއާ ހަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް