ads
ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެނަމަ ރިޕޯޓްކުރޭ!
ރާއްޖޭގައި ގެވެށި އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާ އަށް ފަރުވާ ނުލިބޭ: އޭޑީއެމް
ދިވެހިރާއްޖޭގައި ގެވެށި އަނިޔާ އާއި އަންހެނުންނަށް ކުރާ އަނިޔާ އިތުރުވަމުންދާ ކަމަށާއި އެކަމަކު އެކަމަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭ ކަމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އިން ބުނެފިއެވެ.

މިއަދު އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދެހަފުތާގެ ތެރޭގައި އެކަނިވެސް އަންހެނަކު ރޭޕްކުރި ޚަބަރާއި އަންހެނަކަށް އޭނާގެ ފިރިމީހާ ތޫނު އެއްޗަކުން ހަމަލާދިން ޚަބަރު މީޑިޔާއިން ރިޕޯޓްކޮށްފައި ވާކަމަށާއި، މިފަދަ ނުރައްކާތެރި ކުށުގެ އަމަލުތަކަކީ މުޖްތަމަޢު ތެރޭގައި އާދައިގެ ކަމަކަށް ވުމުގެ ޖާގަ ދީގެންވާނެ ކަންތައްތަކެއް ނޫން ކަމަށެވެ. 

ދިވެހި މުޖްތަމައުގައި ގެވެށި އަނިޔާ އިންތިހާ ދަރަޖައަށް ފެތުރި ހިނގާއިރު އެފަދަ މައްސަލަތައް ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން "ސެންސޭޝަނަލައިޒް" ކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި، އަދި އެކަން ހުއްޓާލުމަށް އެ ޖަމިއްޔާއިން އެދޭ ކަމަށް ބުނެފައިވެއެވެ. 

"ގެވެށި އަނިޔާގެ މައްސަލަތަކުގައި ކޮންމެހެން އާންމުކުރަން ނުޖެހޭ ތަފްސީލް އާންމުންގެ މެދުގައި ފެތުރުމާއި، އަނިޔާ ލިބޭ މީހާ ހިމެނޭ ފޮޓޯ އަދި ވީޑިއޯ "ކްލިކް ބެއިޓް" ގެ ގޮތުގައި ބޭނުންކޮށްގެން ޚަބަރު ފަތުރާ ވަސީލަތްތަކާއި މީސް މީޑިޔާގައި އެތަކެތި ފެތުރުން ހުއްޓާލުމަށްވެސް ގޮވާލަމެވެ. އަދި ރައްޔިތުންގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލުތައް ހިންގަމުންދާކަން އެނގޭނަމަ އަނިޔާ ލިބޭމީހުންނަށް އެހީތެރިވުމަށާއި އެމީހުންގެ ކަރާމާތް ނަގެހެއްޓުމަށް މީޑިޔާތަކުން ބާރު އެޅުމަށް ގޮވާލަމެވެ." އޭޑީއެމް އިން ނެރުނު ބަޔާނުގައި ވެއެވެ. 

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެތަނަށް ހުށަހެޅުނު މައްސަލަ ތަކުގައި ގެވެށި އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 635 ފިރިހެނުންނާއި 156 އަންހެނުން ވެއެވެ. 

އޭޑީއެމް އިން ބުނެފައިވަނީ މިދަރަޖައަށް ގެވެށި އަނިޔާކުރާ މީހުން ތިބިއިރު، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅުން އަވަސް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި ޖަމިއްޔާއިން ގޮވާލާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް