އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ އިންސާފު ގާއިމްކުރުމުގައި ހުރި ހީނަރުކަމުގެ އިތުރުން ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާ އިތުރުވާން ދިމާވާ ގިނަ ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި އެފަދަ އަމަލުތަކުގެ ތުހުމަތު އުފުލިފައި ތިބި ބައެއް ފަރާތްތަކަކީ ދައުލަތުގެ މަގާމުތަކުގައި މިހާރުވެސް ތިބި މީހުން ކަމަށްވެފައި އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ހިމެނޭ ކަމަށް އޭޑީއެމް އިން ބުނެއެވެ. އަދި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭފަދަ ބަހުރުވާ ބޭނުންކުރާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އަންހެނުންނަށް ކުރާ އަނިޔާގެ ބައެއް އަމަލުތަކަކީ ހުއްދަ ކަންކަން ކަމަށާއި އަދި އެއިން ބައެއް ކަންކަމަކީ "ދީނީ ވާޖިބެއް" ކަމުގައި ދީނީ ޝިޔާރު އިއްވުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ބައެއް ފަރާތްތަކުން ޝާއިޢުކޮށް އާންމު ތަންތަނުގައި ފަތުވާ ނެރެމުން ދިޔަނަމަވެސް އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް އެޖައިއްޔާއިން ފާހަގަ ކުރެއެވެ.
ގެވެށި އަނިޔާ ހުއްޓުވުމަށް ސަރުކާރާއި ދިވެހި މުޖްތަމައުގައި ބަސްވިކޭ މީހުން، ޚާއްސަކޮށް ދީނީ ޝިޔާރު ފާޅުކުރާ މީހުން އަޑު އުފުލައި މުޖްތަމައުއަށް އޮންނަ އެމީހުންގެ ޒިންމާ އަދާކޮށް ހެޔޮ މިސާލު ދެއްކުން އަވަސް ކުރުމަށް އެފަދަ މީހުންގެ ކިބައިން އެ ޖަމިއްޔާއިން އެދޭ ކަމަށްވެސް ބަޔާނުގައިވއެވެ.
ގެވެށި އަނިޔާ ލިބުނުކަމަށް 2021 ގައި ފާހަގަކުރެވޭ އަންހެނުންގެ ނިސްބަތް 76 އިންސައްތާ ގައި ހުރި އިރު، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) ގެ 2021 ވަނަ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ "އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ކުރެވޭ އަދަދު މަދުކަން ފާހަގަކުރެވޭ" ކަމަށެވެ. މީގެ އިތުރުން، "އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާ" ކަމަށާއި "އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން" ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ފެމިލީ ޕްރޮޓެކްޝަން އެޖެންސީގެ ރިޕޯޓުގައި 2021 ވަނަ އަހަރު އެ މުއައްސަސާއަށް ގެވެށި އަނިޔާގެ 637 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ އޭރިއާއިން 412 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ޖުމުލަކޮށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރުގައި އެފްޕީއޭ ގެ ހިސާބުތަކުގައި ޖިސްމާނީ އަނިޔާގެ 388 މައްސަލައާއި ޖިންސީ އަނިޔާގެ 90 މައްސަލަ އާއި ބަހުގެ ހަމަލާ ދިނުން ނުވަތަ ނަފްސާނީ އަނިޔާގެ 495 މައްސަލަ އާއި މާލީ ގޮތުން ނުވަތަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ 81 މައްސަލަ ހިމެނެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ އާބާދީއާއި ބިދޭސީ އާބާދީ ބޮޑު ނަމަވެސް ތަފާސް ހިސާބުގައި އެމީހުންގެ ތެރެއިން އަނިޔާ ލިބުނު މީހުންގެ ނިސްބަތް މަދުވުމުން ރިޕޯޓްކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.