ads
ފޮޓޯ: މޯލްޑިވިއަން
9.6 މިލިއަންގެ ގެއްލުމެއް ވިނަމަވެސް، ކުރީ އަހަރަށް ވުރެ ގެއްލުން ކުޑަ
ރާއްޖޭގެ ގައުމީ އެއާލައިން އުދުއްސާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ކުންފުންޏަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި 9.6 މިލިއަން ރުފިޔާގެ ގެއްލުންވި ނަމަވެސް މިއީ ކުރީ އަހަރުގެ ގެއްލުމާއި ބަލާއިރު 90 އިންސައްތަ ދަށް އަދަދެއްކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.

ގެއްލުންވެފައިވީ ނަމަވެސް މިއީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށް ޕީސީބީން ދެކެއެވެ. ސަބަބަކީ މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި ވީ 103 މިލިއަން ރުފިޔާގެ ގެއްލުމާއި މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ވީ 99.6 މިލިއަން ރުފިޔާގެ ގެއްލުމާއި އަޅާބަލާއިރު މިއީ އެތައް ގުނައެއް ދަށް އަދަދަކަށް ވުމެވެ.

ޕީސީބީ އިން އާންމުކުރި އައިއޭއެސްގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި މި ގެއްލުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހަރަދުތައް މަތިވުމެވެ.

ތިންވަނަ ކުއާޓާގައި ހިންގުމުގެ ހަރަދުގެ ގޮތުގައި އައިއޭއެސް އިން ވަނީ 114 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ 2020 ގެ ތިންވަނަ ކުއާޓާއާ އަޅާބަލާ އިރު މިދިޔަ އަހަރުގެ ހަރަދުތަށް 32 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެގޮތުން މުސާރައާއި އެލަވެންސްގެ ގޮތުގައި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ބަޔާނުގެ ހުލާސާގައި ޕީސީބިން ބުނެފައިވަނީ 2021 ގެ ތިންވަނަ ކުއާޓާގައި ޖުމްލަ އާމްދަނީ އެއް ގޮތުގައި 135.9 މިލިއަން ލިބިފައިވާ އިރު މިއީ އޭގެ ކުރީ އަހަރާ ބަލާއިރު ލިބުނު ކުރިއެރުމެއް ކަމަށެވެ. 

ކުންފުނީގެ އެސެޓްސް އަށް ވުރެ ލަޔަބިލިޓީސް އިތުރުވެއްޖެކަމަށާއި މިކަމުގެ ސަބަބުން އަމާޒުތަކަސް ވާސިލްވުމަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އެހެންކަމުން މިކަންކަން އިތުރަށް ހަރުދަނާކުރުމަށް ޕީސީބީން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް