ads
ހުޅުމާލެ ދެވަނަ ފިޔަވަހި--
ވަގު ފައިސާއިން ބިން ގަންނަން ފުރުސަތު ދެނީތަ!؟
ނިޒާމުން ބޭރުން ވަގު ފައިސާ ގެންގުޅޭ ވާހަކައަކީ އާންމު ވާހަކަ އެކެވެ. ނަމަވެސް އެ ވާހަކަ ދައްކާލަ ދައްކާލަ ތިބޭ އިރު ވަގު ފައިސާ ދޮންނަން ފުރުސަތު ލިބޭ އިންތިޒާމުތައް ހުރުމަކީ ވަގު ފައިސާ ގެން ގުޅޭ މީހުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މި ވަގުތައް ބަލާ ނަމަ ވަގު ފައިސާ ގެންގުޅޭ މީހުންނަށް އެމީހުން އަތުގައި ހުރި އެ ޒާތުގެ ފައިސާ ދޮވެލުމަށް ލިބިފައިވާ އެންމެ ބޮޑު އެއް ފުރުސަތަކީ ހުޅުމާލޭ ފޭސް ދެއަކުން ބިން ގަތުން ކަމަށް ވެދާނެ އެވެ.
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 60 ގޯތި ވިއްކުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން އެފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަން ދީފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތް ތަކަށެވެ. މިގޮތުން ކޮންމެ ފަރާތަކަށްވެސް އެއް ބިން ގަނެވޭ ގޮތަށެވެ.

ހުޅުމާލެ ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެ ފުރުސަތު ހުޅުވާލުމަށް ފަހު އެދުވަހު ބުނީ އެގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުގެ އިތުރުން އެފަދަ މަޝްރޫއިން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށެވެ.

ނަމަވެސް އޭގަފަހުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔައިރު، މިހާރު އެޗްޑީސީން ވަނީ އެ އުސޫލު ބަދަލުކޮށް އެ ފުރުސަތުގައި ގޯތި ވިއްކާނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ކަމަށް ކަނޑައަޅާފައެވެ. މި ބަދަލު ގެނެސްފައިވަނީ ގޯތި ގަންނަ މީހުންގެ ގައިގާ ހުންނަންޖެހޭ ޝަރުތަތަކަށް ނަންބަރެއް އިތުރު ކުރުމަށްފަހުއެވެ. އެ އިއުލާނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ގޯތި ގަންނަ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ މާލޭ ރަށްވެއްސަކަށް ވާންވާނެ ކަމަށެވެ.

އެޗްޑީސީން ވިއްކުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ހުޅުވާލާފައިވަނީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި، ބީޗް ސައިޑުން 34 ގޯއްޗެވެ. އެއީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާއި ދެމެދުގެ 60 ގޯއްޗެވެ.

ބީޗް ފްރަންޓް" އިން 3900 ރުފިޔާއަށް ގޯއްޗެއް ވިއްކާ ނަމަ ވިއްކުމަށް ހުޅުވާލާފައިވާ 26 ގޯތި، 1،603.7 އަކަފޫޓުގެ މަގުން 3،900 ރުފިޔާއަށް ވިއްކިއްޖެނަމަ، އެޗްޑީސީއަށް 162.5 މިލިޔަން ރުފިޔާ ލިބޭނެއެވެ. އަދި މި 26 ގޯތި 2633.82 އަކަފޫޓުގެ މަގުން ވިއްކިއްޖެނަމަ 267 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ.

ހުޅުމާލެ ފޭސް ދެއަކުން މި ފަހަރު ވިއްކާ 60 ގޯއްޗަށް ވެސް އެތައް މިލިއަން ރުފިޔާއެއް ލިބޭނެ އެވެ. އެހެންކަމުން އެ ގޯތިތައް ގަތުމަށް ވަގު ފައިސާ ނުވަތަ ދޮންނަން ބޭނުންވެފައިވާ ފައިސާ ހޭދަ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ދޮންނަން ބޭނުންވާ ފައިސާ ކިރިޔާ ވެސް ހުއްޓުވޭނީ ޓެކްސް ނިޒާމުގެ ތެރެއަށް އެ ފައިސާ ވައްދާފައިވާ ނަމަ އެވެ. މާނައަކީ ގޯތި ގަންނަން ބޭނުންވާ ފައިސާއަކީ އެ މީހަކު ވިޔަފާރިކޮށްގެން ހޯދާފައި ހުރި ފައިސާއެއް  ނަމަ އެ މީހަކު އެ ފައިސާއިން ޓެކްސް ދައްކަން ޖެހޭނެ އެވެ.

ގޯތި ގަތުމަށް މި ފަހަރު އެއްވެސް ބޭންކެއްގެ ފައިސާގެ އެހީތެރިކަން ނުހޯދޭގޮތަށް ހަދާފައިވުމުން ގޯތި ގަތުމަށް ނަހަލާލު ފައިސާ ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންކަމުން އެ މަގު ބޭނުންކޮށްގެން ޓެކްސް ވެސް ނުދައްކާ އަދި ދޮންނަން ބޭނުންވެފައިވާ ފައިސާ ބޭނުންކޮށްގެން ބިން ގަތުމަށް އޮތް ފުރުސަތު ބަންދުކުރުމަކީ ގާނޫނީ ވެރިކަމެއް ހިންގަން ބޭނުން ނަމަ ނުހަނު ބޭނުންތެރިކަމެކެވެ.

ބީލަން ހުށަހެޅުމުގެ މަރުހަލާ ކުރިއަށްދިޔަ ނަމަވެސް މިހާރު ވެސް އެޗްޑީސީއަށް ނުވަތަ ސަރުކާރަށް ނުވަތަ މީރާއަށް ވެސް މި މައްސަލައަށް ހައްލެއް ހޯދިދާނެ އެވެ. ބިން ގަންނަ މީހާ ފައިސާ ދައްކަނީ އޭނާ ވިޔަފާރިއެއްކޮށްގެން ހޯދައިފައިވާ ފައިސާއެއް ނަމަ އެ ފައިސާއަކީ ޓެކްސް ދައްކާފައިވާ ފައިސާއެއްތޯ ޔަގީން ކުރުމަށް ޓެކްސް ކްލިޔަރެންސް އެއް ހުށަހަޅަން އެންގިދާނެ އެވެ.

 އެންމެ ކުޑަކޮށް ވިއްކާ 1603.7 އަކަފޫޓުގެ ބިމެއް ފެށޭ އަގުކަމަށްވާ 3900 ރުފިޔާއަށް ގަންނަން ބީލަށް ހުށަހެޅި ނަމަވެސް އެ މީހަކު 6.2 މިލިއަން ރުފިޔާގެ އަގެއް ހުށަހަޅަންޖެހޭނެ އެވެ. 2633.82 އަކަފޫޓުގެ އެންމެ ބިމަކަށް ބީލަށް ހުށަހެޅި ނަމަވެސް 3900 ރުފިޔާގެ މަގުން 10.2 މިލިއަން ރުފިޔާ ދައްކަންޖެހޭނެ އެވެ. އެ ހިސާބު ދައްކާގޮތުން އެއް ފަހަރާ އެ އަދަދަށް ފައިސާ ދައްކަން ލިބޭ މީހެއް ނަމަ އެމީހަކީ ޓެކްސް ނިޒާމުގެ ތެރެއިން ޓެކްސް ދައްކަން ޖެހޭނެ މީހަކަށް ނޫނީ ނުވާނެ އެވެ.

މަތީގައިވާ ހިސާބަށް ބަލާއިރު ޓެކްސް ނުދައްކާ ހުރި ފައިސާއަކުން ދައުލަތުގެ މުދަލެއް ގަންނަން މަގު ކޮށާ ނަމަ އެ ކޮށައިދެވެނީ ނަހަލާލު ފައިސާ ބޭނުންކުރުމުގެ ފުރުސަތެވެ. އެ ފަދަ ފުރުސަތެއްދީފި ނަމަ ހަލާލުގޮތުގައި ފައިސާގެ މުއާމަލާތް ކުރަން އުޅޭ މީހުންނަށް އެ ކުރެވެނީ ބޭއިންސާފެއް ނޫން ބާވަ އެވެ.

ބޭއިންސާފުކޮށް ކަމެއް ކުރުމަށް ފުރުސަތު ހުޅުވާލުމަކީ ދިވެހި ސިޔާސީ ވެރިން ކިޔާ ކަހަލަ ނަޒާހަތްތެރި ރައްޔިތަކާއި، ގައުމަކުން ކުރާނެކަމެއް ނޫންނެވެ. އެހެން ކަމުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ހުށަހަޅާ މީހުންނަކީ ޓެކްސް ދައްކާ ބައެއްތޯ ޔަގީން ކުރަންޖެހޭ ފަދައިން އެ ފައިސާއަކީ ދޮންނަށް ބޭނުން ކުރާ ފައިސާއެއްކަން ވެސް ޔަގީން ކުރަން ޖެހޭނެ އެވެ. އެ ދެ ކަންތައް ވެސް ޔަގީން ވާނީ ޓެކްސް ދައްކާފައިވާ ނަމަ އެވެ. ޓެކްސް ނުދައްކާ ނަމަ އެ ފައިސާއަކީ ހަލާލު ފައިސާއެއްކަމަށް ކަނޑައަޅާނީ ކިހިނެއްތޯ އެވެ.

70%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް