މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދައުވާތައް އުފުލާ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ ރައީސް ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 15.42 މިލިއަން ރުފިޔާ) ނަގައި ލޯންޑަ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ގައެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުވާތައް ސާފު ނުވާ ކަމަށް ޔާމީން ވިދާޅުވެފައިވާތީ މިއަދު އޮތީ ދައުލަތުން އިއްވި ދައުވާތައް ދިފާއަށް ސާފުކޮށްދިނުމެވެ.
ސާފު ނުވާ ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެންމެ ބޮޑަށް އުފެއްދި ސުވާލަކީ، ޔޫސުފް ނައީމަށް ރައީސް ޔާމީން ނުފޫޒު ފޯރުވި ކަމަށް ބުނަނީ ކިހިނެއްތޯ އެވެ. ދައުލަތުން ބުނީ، ޔާމީނަކީ އޭރު ރާއްޖޭގެ ރައީސް ކަމަށް ވާއިރު، އެ މަގާމަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގެ ކަންކަމަށް ބާރު ފޯރުވޭނެ މަގާމެއް ކަމަށާއި ރައީސްއަށް އެކަމަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ބުނުމަކީ ރައީސްގެ އެއްވެސް ބާރެއް ނެތް ކަމަށް ބުނުން ކަމަށެވެ.
ދައުވާތައް ސާފުކޮށްދީ އެ ދައުވާއަށް ޖަވާބުދާރީވާން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ރައީސް ޔާމީންނަށް ދެއްވި ފުރުސަތުގައި ޔާމީން ވަނީ ދައުލަތުން ކުރާ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.