ބޮއިންގްގެ އެންމެ މަގްބޫލު ބޯޓު ދުއްވުން ހުއްޓާލަން ޖެހުނީ އޭގެ ދެ ބޯޓު ވެއްޓި 346 މީހުން މަރުވުމުންނެވެ. އެހެންކަމުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 636 މިލިއަން ޑޮލަރުގެ ގެއްލުމެއްވެފަ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އާމްދަނީ ވަރަށް ބޮޑަށް ދަށްވި އެވެ. އެގޮތުން 21.7 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، ލިބިފައި ވަނީ 17.9 ބިލިއަން ޑޮލަރެވެ.
ބޮއިންގުން މަސައްކަތް ކުރަމުން ދަނީ 737 މެކްސް ބޯޓުތައް ރަނގަޅު ކުރުމަށް ފަހު އަލުން އޭގެ ވިޔަފާރި ފެށުމަށެވެ. ނަމަވެސް އެ މަސައްކަތަށް ވެސް ހީކުރި ވަރަށް ވުރެ ގިނަ ދުވަސް ދަނީ ނަގަމުންނެވެ.