ޖެންޑަ މިިނިސްޓްރީން 2020ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓާއި އެއްގޮތަށް، އެ މިނިސްޓްރީގެ މަޤުސަދުތައް ހާސިލުވާގޮތަށް، ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ހަރަދުކުރުމަށް ކަނޑައެޅުނު ޙުދޫދުގެ ތެރޭގައިތޯ ބެލުމަށް އޮޑިޓާ ޖެނެރަލް(އޭޖީ) އޮފީހުން ކޮށްފައިވާ ރިޕޯޓު ވަނީ އާއްމުކޮށްފައެވެ.
އެގޮތުން އޭޖީން އާއްމުކުރި ޖެންޑަ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، .2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީ އަށް ފާސްކޮށްދިން ބަޖެޓުން ޚަރަދުކުރި ގޮތުގެ ހިސާބާއި، 2020 ވަނަ އަހަރު އެ މިނިސްޓްރީއަށް ލިބުނު އާމްދަނީ އާއި ހިނގި ޚަރަދުގެ ހިސާބުވެސް އޭޖީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އަދި ރާއްޖޭގައި ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ފަރާތުން 2019 ވަނަ އަހަރުގެ ޑިސެންބަރުގައި ކުޑަކުދިންގެ ހިޔާއަށް ދިން 15,000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އެހީއާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެފައިވާއިރު، ފައިސާ ލިބުނުކަމުގެ ރަސީދެއް ތައްޔާރުކޮށްފައި ނުވާކަމާއި، އެފައިސާ ގަވާއިދާ އެއްގޮތަށް އޮފީހުގެ ހިސާބުތަކަށް ވައްދާފައި ނުވާކަމާއި، އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް އެ އޮޑިޓް ރިޕޯޓުގައި ވެއެވެ.
މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި އެކުދިން ތިބޭ މަރުކަޒުތަކަށް ހަދިޔާ ދިނުމާއި ބަލައިގަތުމާއި ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ފައިސާ ބަލައިގަނެފައިވާ ކަމަށާއި، ފައިސާ ލިބުނުތާ 6 މަސް ފަހުން މިނިސްޓްރީގެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓުން ފިހާރަތަކަށް ޓްރާންސްފަ ކޮށްގެން ތަކެތި ގަނެފައިވާ ކަމަށްވެސް އޮޑިޓްގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ވާގޮތުން އެ މުވައްޒަފު ތަކެތި ގަނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ތަކެތި ގަތުމުގެ ކުރިން ނަގަން ޖެހޭ ހުއްދަތައް ހޯދުމަކާ ނުލައެވެ.
އޮޑިޓްގައި އޭޖީން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ މިނިސްޓްރީން އަމަލުކޮށްފައިވާ މައްސަލަ ބެލުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ހުށަހެޅުމަށް އެދިފައެވެ. އަދި މިކަމުގައި އިހުމާލުވި މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީއަށް ވެސް ހުށަހެޅުމަށް އޭޖީ އޮފީހުން ވަނީ މިނިސްޓްރީއަށް އަންގާފައެވެ.
އިސްލާހުކުރަން ލަފާ ދީފައިވާ ކަންކަން