ads
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުންގެ ހިދުމަތުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި
ފުލުހުން ޖަވާބުދާރީ ކުރުވާ، ކުށްކުރާ މީހުންނާއި ދެކޮޅަށް ހިންގާ ތަހުގީގުތަކަށް ބޭނުންވާ ހެކި ހޯދުމަށް މުހިންމު ދައުރެއް އަދާކުރާނެ ބޮޑީވޯން ކެމެރާ ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން ފެށުން އިފްތިތާހުކޮށްދެއްވީ އެ ކަމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެވެ.

ބޮޑިވޯން ކެމެރާ މިއަދު ފެށިގެން ފުލުހުންގެ ހިދުމަތުގައި ބޭނުންކުރަމުންދާއިރު، މަސައްކަތް ފެށީ 200 ކެމެރާއާ އެކު އެވެ. ބޮޑީ ކެމެރާއާ އެކު ފުލުހުން އަދި ހަރަކާތްތެރިވާނީ މާލެ އާއި އައްޑޫގަ އެވެ.

މިކެމެރާ ބޭނުންކުރާނެ ގޮތުގެ އުސޫލުގައިވާގޮތުން، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ނުވަތަ ތަހުގީގުގެ ބޭނުމަކަށް އާންމު ފަރުދަކާ މުއާމަލާތްކުރާ ކޮންމެ ހާލަތެއްގައި ކެމެރާ ބޭނުންކޮށް، ވީޑިއޯ ފުޓޭޖު ރައްކާތެރި ކުރުމުގެ އިތުުރުން ފުޓޭޖު ހާމަކުރަން ޖެހޭ ހާލަތްތަކުގައި އެ ފުޓޭޖް ހާމަވެސް ކުރާނެއެވެ. 

your image

މިއަދު އޮތް ރަސްމިއްޔާތެއްގައި ބޮޑީވޯން ކެމެރާ އިފްތިތާހުކޮށްދެއްވުމަށްފަހު، ކޮމިޝަނަރު އޮފް ޕޮލިސް(ސީޕީ) މުހައްމަދު ހަމީދު ވިދާޅުވީ، މުސްތަގުބޮލުގައި ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުވާނެ މުހިންމު ވަސީލަތަކަށް ކަމަށެވެ. 

ނަމަވެސް އެ ކެެމެރާ ބޭނުންކުރަމުންދާނީ ހަމައެކަނި ފުލުހުން ޖަވާބުދާރީ ކުރުވުމަށް ނޫންކަން ފާހަގަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ ތަފާތު ގިނަ މުހިންމު މައްސަލަތައް ހައްލުކުރުމަށް އެހީތެރިވާނެ އަދި ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މުހިންމު ދައުރެއް އެ ކެެމެެެރާ އަދާކުރާނެ ކަމަށެވެ. 

"އަދި ފުލުހުންނަށް ކުރާ ދޮގު ތުހުމަތުތަކާއި، އަސްލެއް ނެތް އިލްޒާމުތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީވާނެ ވަސީލަތަކަށް، މިހާރު ކަންހިގާ ގޮތަށް ބަލާއިރު، ފުލުހުން އެޓެންޑުވާ ހާދިސާތަކާއި ސީންތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާއްމުކުރުމަކީ އާއްމުކޮށް ހިނގާ ކަމެއް ނަމަވެސް މިފަދަ ހާލަތްތަކުގައި އެ ފެންނަނީ އެއް ފަރާތް. ފުލުހުންގެ މީހާގެ ނަޒަަރުން ކަން ހިނގާދިޔަ ގޮތް ފެންނާކަށެއް ނޯވޭ. " ސީޕީ ވިދާޅުވިއެވެ.

ނަމަވެސް މި ކެމެރާ ބޭނުންކުރަން ފެށުމާއިއެކު، ފުލުހުން  އެޓެންޑުވާ ސީންތަކާއި ހާދިސާތަކުގައި ކަން ހިނަގަމުންދާގޮތް ކެމެރާއަށް ރިކޯޑުވަމުންދާތީ ފުލުހުންގެ ނަޒަރުން ކަން ހިނގިގޮތް، އަލުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. 

your imageމީހުން ބަލާ ފާސްކުރާ ފަހަރުތަކުގައި ބޮޑީ ކެމެރާ ބޭނުން ކުރަންޖެހޭ

އެހެންކަމުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުންނާއިމެދު ކުރެވޭ އަސްލެއް ނެތް ޝަކުވާއާއި ޖުމްލަކޮށް ފުލުހުންގެ ޕްރޮފެޝަން ރަނގަޅުކުރުމަށް ބާރުއެޅިގެންދާނެތީ ފުލުހުންގެ ހިދުމަތާއިމެދު އާއްމުންގެ ޝަކުވާތައް މަދުވެ، ތަހުގީގުތައް ފުރިހަަމަކުރުމަށް ޒަމާނީ ތަހުޒީބެއް ގެނެވިގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ. 

ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން އަލުން ފަށަން ނިންމީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މާލޭގައި ޒުވާނުންތަކެއް ކުރި ސުލްހަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިމިނުން ޕެޕާ ސްޕްރޭ ޖަހައި ފުލުހުން ހިންގި އަމަލާމެދު އާއްމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ދިއުމުންނާއި، އެ މައްސަލާގައި ވީޑިއޯތަކެއް ދައުރުވެ، އެތަނުގައި ހަރަކާތްތެރިވި ދެ ފުލުހަކު ސަސްޕެންޑްވެސް ކުރަންޖެހުމާއި ގުޅިގެންނެވެ. 

އެފަހަރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް މުޒާހަރާތަކުގައި ފުލުހުން ބޮޑީ ކެމެރާ ބޭނުންނުކުރާ ސަަބަބާއި ބެހޭގޮތުން ވަނީ ސުވާލުކޮށްފައެވެ. އޭގެފަހުން މިނިސްޓްރީން ވަނީ އެކި ފަހަރުމަތިން ކެމެރާ ހޯދަން އިއުލާންވެސް ކޮށްފައެވެ. 

މިއަދު ބޮޑީވޯން ކެމެރާ އައްޑޫއާއި މާލޭގައި ބޭނުންކުރަން ފެށި ނަމަވެސް ކުރިއަށް އޮތްތާ، އިތުރު 1000 ހާ ކެމެރާ ހޯދަން ވަނީ ނިންމާފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް