އިއްޔެ ސިވިލް ކޯޓުން މިގޮތަށް އަމުރު ކޮށްފައިވަނީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކުންފުނީގެ ފަރާތުން ވަގުތީ އަމުރެއް ނެރެދޭން އެދުމާ ގުޅިގެންނެވެ. އެކުންފުނިން ބުނެފައިވަނީ އެތިން ރަށަކީ އެކުންފުންޏާއެކު ސަރުކާރުން ހެދި ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން އެކުންފުންޏަށް ދޭން އެބަސްވެފައިވާ ތިން ރަށް ކަމަށް ބުނެއެވެ. އަމުރު ނެރެދޭން އެކުންފުނިން އެދިފައިވަނީ އެހެން ބަޔަކަށް އެތިން ރަށް ދިނުން ހުއްޓުވުމަށެވެ.
ރިސޯޓް ހެދުމަށްޓަކައި ރަށްތަކެއް ކުއްޔަށް ދޫކުރަން ޖެނުއަރީ މަހު ސަރުކާރުން ހުޅުވާލިއެވެ. އެހެން ނަމަވެސް އޭގެ ތެރެއަށް ށ. އަތޮޅުގެ ތިން ރަށެއް އިތުރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކޮށް ކެމްޕެއިން ކުރަމުން ގެންދަނި ކޮށެވެ. އިތުރު ކުރި ތިން ރަށަކީ ށ. މެދުރަށާއި ށ. މައިރަށުގެ އިތުރުން ށ. ދިގުރަށެވެ. މި ތިން ރަށް އޮންނަ ކޮމަންޑޫ އާ ވަރަށް ކައިރީގަ އެވެ.
މިމައްސަލައިގައި ސިވިލް ކޯޓުގެ އަމުރުގައިވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެހެން ބަޔަކަށް އެރަށްތައް ނުދެވޭނެ ގޮތަކަށް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ފެންނަން ހުރި ކަންކަމަށް ބަލާއިރު އެރަށްތައް އެހެން ބަޔަކަށް ކުއަޔަށް ދީފި ނަމަ ޕްރިމިއާ އިކުއިޓީ ކުންފުންޏަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުން މާބޮޑެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ނެރެފައިވާ އަމުރުގައިވަނީ އެތިންރަށުގައި ރިސޯޓް ހަދަން ބިޑްކުރުން ފަސްކުރުމަށް އެމިނިސްޓްރީގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.