ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ ޝަންގްރިއްލާ ރިޒޯޓް ބަންދުކުރީ ކޮވިޑް-19 ގެ ސަބަބުންނެވެ. އޭގެ ފަހުން އަދިވެސް ރިޒޯޓް ހުޅުވާފައި ނުވެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި، ރިޒޯޓް ހުޅުވުން ލަސްވަނީ، ކީއްވެތޯ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓަށް ލިބޭ ގެއްލުމުގައި ސަރުކާރުން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.
ޝަންގްރިއްލާގެ ގެއްލުމާ ގުޅިގެން 68 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް އެކުންފުންޏާއި އެކު މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ބޭނުން ވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އެކަންތައް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގާނޫނުގަ އޮންނަ ގޮތުން ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލާނަމަވެސް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ދައްކަން ޖެހޭ ކަމަށާއި، އެހެން ކަމުން ގާނޫނަށް އާ އިސްލާހެއް ގެނައުމަށް ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނެސް މި އަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ހުޅުވިގެން ދާނެ ކަމަށާއި، އޭރުން އައްޑޫ އަށްވެސް ފަތުރުވެރިކަމުގެ ރަން އަހަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފިގެން ދާނެ ކަމަށެވެ.