ads
ޔޫކްރެއިންގައި ބިރުވެރިކަން ބޮޑު: ތާށިވެފައި ތިބި ދިވެހިންގެ ޝަކުވާ ސަރުކާރަށް!
ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުންދާ ޔޫކްރޭންގައި ކިޔަވަމުންދާ ދަރިވަރުން ތިބީ އެ ގައުމާއި ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި ކަމަށާއި، 24 ގަޑިއިރުތެރޭ ޓިކެޓުގެ އަގުބޮޑުވެ އެގައުމުން ބޭރު ނުވެވިފައި ވާއިރު، ދިވެހި ސަރުކާރުން އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ނުދާކަމުގެ ޝަކުވާ ދަރިވަރުން ކުރަން ފަށައިފި އެެވެ.
Advertisement

މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ޔޫކުރެއިންގައި، މާދަމާގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރެއިން އަށް ހަމަލާތައް ދޭން ފަށާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިކަމުގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެ ކަމަށްވެސް އަންނަނީ ބުނަމުންނެވެ. 

މިކަމާއި ގުޅިގެން މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިން އެގައުމުގެ ސަރުކާރުން އަންގާ ގޮތަށް ކަންތައް ކުރުމަށާއި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިވަގުތު ދިވެހިން އެގައުމަށް ދަތުރު ނުކުރުމަށްވެސް ފޮރިން މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

މިވަގުތު ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި، އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓާ ކުރުމަށްވެސް ވެސް ފޮރިން މިނިސްޓްރީން ވަނީ އަންގާފައެވެ.

ނަމަވެސް އެގައުމުގައި މިވަގުތު ދިރިއުޅޭ ދިވެހި ދަރިވަރުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވާގޮތުން އެދަރިވަރުން ތިބީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައެވެ. އަދި ހަމަލާއެއް ދީފިނަމަ އެންމެ ފުރަތަމަ އޭގެ އަސަރު ކުރާނީ އެ ކުދިންނަށެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރާއްޖޭގެ ސަރުކާރުން އެކުދިންނާއި ގުޅާ އެއްވެސް ކަމެއް މަޝްވަރާާކުރަމުން ނުދާ ކަމަށާއި، ކުދިންގެ ޝަކުވާތައް ހިއްސާކުރުމަށް އެންމެ ކައިރީގައި ގާއިމުކޮށްފައިވާ އެމްބަސީއެއް ހޯދާ ގުޅަން ޖެހުނީ އެކުދިން އަމިއްލައަށް ކަމަށް އެކުދިން ބުނެއެވެ. 

ވަޓްއެޕްސް ގުރޫޕެއް މެދުވެރިކޮށް ކުދިންގެ ހާލު ބަލާ މޮނިޓަ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނިނަމަވެސް އެ ވަޓްސް އެޕް ގުރޫޕަކީވެސް އެ ދަރިވަރުން އަމިއްލައަށް އެކުދިންގެ ކަންބޮޑުވުންތައް އެމްބަސީއާއި ހިއްސާކުރުމަށް ހުޅުވި ގުރޫޕެއް ކަމަށް ވެސް އެކުދިން ވަނީ ބުނެފައެވެ. 

" ކަންބޮޑުވާ އެންމެ ބޮޑު ކަމަކީ މިތަނުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރުވެސް ސަރުކާރުން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށް ނުދީ ހަގީގަތެއް ބަޔާންތަށް ނެރެ، އަހަރެމެންގެ ހާލަތު މޮނިޓަކުރަމުންދާކަން ދެއްކުމުގެ ގޮތުން މި ހާލަތު ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ދޮގު ބަޔާންތައް ދެމުން ދާތީ" ދަރިވަރުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ދަރިވަރުން އިތުރަށް ބުނީ އެންމެ ފަހުން އެމްބަސީން ހަބަރެއް ވެފައިވަނީ ދަރިވަރުންގެ އެމަޖެންސީ ކޮންޓެކްޓުތައް ފިލްކުރުމަށް ފޮނުވި ގޫގަލް ފޯމް އެއް ފޮނުވި ދުވަހު ކަމަށާއި، އޭގެ ފަހުން ދަރިވަރުންގެ ހާލު ގާތުން ބެލުމަށް ނުވަތަ ބޭނުންވާ ކަންކަމާއި ކަންބޮޑުވުންތައް ސާފުކުރުމަށްވެސް ދިވެހި ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. 

މީގެ އިތުރުން 24 ގަނޑިއިރުތެރޭ ޔޫކްރެއިން އިން ފުރުމަށް ބޭނުންވާ ޓިކެޓެއްގެ އަގު 2500 ޑޮލަރު(38،550 ރުފިޔާ) އަށް ބޮޑުވެގެން ދިޔައިރުވެސް އަބުރާ ރާއްޖެ އަމިއްލަ ހަރަދުގައި ދެވިދާނެތޯ ބެލުމަށްވެސް އެއްވެސް ބަޔަކު އެ ދަރިވަރުންނާއި ގުޅާ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. 

"ޓިކެޓެއްގެ އަގު ސްކައި ރޮކެެޓެއް ހެން މައްޗަށް އަރައިގެން ދިޔުމުގެ ކުރިން އަޅުގަނޑުމެން ވާނީ އެދިފައި ރައްކާތެރިތަނަކަށް ބަދަލުވުމަށް ބޭނުންވާ ރަސްމީ ލިއުމެއް ދިނުމަށް. އޭރުން ޔުނިވަސިޓީން މޯޑް އެޑިއުކޭޝަނަށް ބަދަލުކޮށްދިނީސް. އޭރު އަމިއްލައަށް ޓިކެޓް ގަނެގެން ދާންވެސް ތިބީ ތައްޔާރަށް. ނަމަވެސް މިހާރު ކޮންމެ، ކޮންމެ ކުއްޖަކަށް ޓިކެޓު ގަނެވޭ ވަރަކަށް ނޫން ޓިކެޓުގެ އަގު ހުރީ" ދަރިވަރުން ބުނެފައިވެއެވެ.

އެކުދިންގެ ބަޔާނުގައި އިތުރަށް ބުނީ ބޮޑު ހަގުރާމައަކަށް ތައްުޔާރުވަމުންދާ މިދަނޑިވަޅުގައި އެދަރިވަރުން ތިބި މާހައުލުގެ ސަބަބުން އެކުދިންގެ ފުރާނައަށް ނުރައްކާވެފައިވާއިރު، އެހީއަށް އެދި ސަރުކާރު ފަހަތުން ދުވަން ޖެހުމުން ލަދުގަންނަ ކަމަށެވެ. 

ޔޫކްރެއިންގައި ކިޔަވަމުންދަނީ މަދު އަދަދެއްގެ ކުދިން ކަމަށް ވާއިރުވެސް ދިވެހި ސަރުކާރަށް ރައްކާތެރިކަން ކަށަވަރުނުކޮށްދެވިގެން އުޅޭއިރު، 4000އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ އެހެން ގައުމުތަކުގެ ދަރިވަރުން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް އެދަރިވަރިން ނުވެސް ބުނަނީސް އެ ގައުމުތަކުގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ކަންވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

ރަޝިއާ އިން ޔޫކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާ ކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާ އަދި އެކަން ކޮށްފި ނަމަ، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް