ads
އަލީ ވަހީދު---
އަލީ ވަހީދު ރާއްޖެ ގެންނަން ބޭރުގެ އެޖެންސީތަކާއި މައުލޫމާތު ހިއްސާކޮށްފި
ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ބޭނުންވާކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ އިދާރާތަކާ ހިއްސާކޮށްފައިވާނެ ފުލުހުން ބުނެފި އެވެ.
Advertisement

ސްޕްރީމްކޯޓުން ދެފަހަރެއްގެ މަތިން އަޑުއެހުމުގައި ބައިވެރިވުމަށް ރާއްޖެއައުމަށް އަންގާ ޗިޓު ފޮނުވުމުންވެސް އަލީ ވަހީދު ކޯޓުގެ އަމުރު ބޮލާލާ ޖެހި މައްސަލާގައި އޭނާގެ މައްޗަށް އިއްވި ދެ މަހާއި 12 ދުވަހުގެ ޖަލަށް ލުމަށް އޭނާ ރާއްޖެ ގެނައުމަށް ކޯޓުން މިދިޔަ އަހަރު ކުރި އަމުރު ތަންފީޒު ކުރަން ފުލުހުން މިފަހަރު މަސައްކަތް ކުރަމުންދަނީ އެ އަމުރުގެ އިނގިރޭސި ތަރުޖަމާ ފުލުހުންނަށް ލިބުމުންނެވެ. 

ފުލުހުންގެ މީޑިއާ އޮފިސަރު މީގެ ކުރިން ސީއެންއެމް އަށް ވިދާޅުވެފައިވަނީ އެ އަމުރު ތަންފީޒު ކުރުން ނުފެށިވަނީ އިންޓަޕޯލް އަށް ބޭނުންވާ މައުލޫމާތު ހިމެނޭހެން އިނގިރޭސި ބަހުން ކޯޓު އަމުރެއް ނުލިބިގެން ކަމަށެވެ.

މިހާރު ފުލުހުން ބުނެފައިވާގޮތުގައި އަލީ ވަހީދު ހައްޔަރު ކުރުމުގެ އަމުރާ ގުޅިގެން ފުލުހުންނާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކާ މިހާރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން އެ އެޖެންސީތަކުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް މިމައްސާލާގައި ކަން ހިނގާފައިވާ ގޮތް

އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައިސް ކޯޓުގެ އަމުރަށް ގޮންޖެހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ކަރެކްޝަނަށް ކޯޓުން އޮތީ މިދިޔަ އަހަރުގެ އޮގަސްޓު 11 ގައި އަމުރު ކޮށްފައެވެ. 

އެ ހުކުމް ކުރިތާ މިހާރު ފަސް މަސްވެފައިވާއިރު، އަލީ އެއްވެސް ބަޔަކަށް ރާއްޖެ ގެނެވިފައެއް ނުވެއެވެ.

އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ އެހީއަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން އޭރު ބުނެފައިވަނިކޮށް ފުލުހުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބުނީ އޭނާ ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުުލުހުން އޭރުވެސް ބުނެފައިވެއެވެ. 

ނަމަވެސް އޭގެފަހުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކޯޓުން އަމުރު ކޮށްފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާއިރު މިހާތަނަށް އޭނާ ހޯދައިގެން ރާއްޖެ ގެނެސް ކަރެކްޝަނާއި ހަވާލުކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އަލީ ވަހީދު ހޯދުމަށް އެ އިދާރާއިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް އެއްބަސްވެފައެވެ. 

އެކަމަށް އަމާޒުވި ފާޑުކިޔުންތަކަށްފަހު މިދިޔަ ޖެނުއަރީ ތެރޭގައި ފުލުހުން ބުނީ އެކަން އޭރު ނުކުރީ އެކަމަށް ބޭނުންވާ އިގިރޭސި އަމުރެއް ނުލިބިގެން ކަމަށެވެ. 

އެއަމުރު ފަހުން ލިބިގެން އަލީ ގެނެއުމުގެ މަސައްކަތް އަލުން ފުލުހުން މިހާރު ވަނީ ފަށާފައިވާއިރު އަލީއަށް އިއްވި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތުވެސް މިހާރު އޮތީ ފަހަނައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް