ads
މިނިސްޓަރު މާރިއާ:ފޮޓޯ-އެމްއެންޑީއެފް
އިންޑިއާ އައުޓްގެ ސަބަބުން ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވޭ: މާރިއާ
"އިންޑިޔާ އައުޓް" ގެ ނަމުގަ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ހިންގަވާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީހުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް، ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
Advertisement

އެކަމަނާ މިހެން ވިދާޅުވީ، "އިންޑިއާ އައުޓް" ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ އެދިވަޑައިގަތުމަށް، ކޮމިޓީން ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓާ މާރިޔާ ވިދާޅުވީ، ކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ގައުމީ ދިފާއާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވާފައި ނުވާނެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން، ދިފާއީ ވަޒީރުގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވަން." މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓާ ވިދާޅުވީ އަދުގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް ރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަމަށް ވިދާޅުވިއެވެ.

ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާގުވެވަޑައިގަންނަވާކަން މިނިސްޓާ ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއާ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން މިނިސްޓާ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި، މިނިސްޓާ މާރިޔާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފާއި، މެރިން ކޯ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި، ސާވިސް ކޯ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގާއި، ޑައިރެކްޓާ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީގެ އިތުރުން އެމްއެންޑީއެފްގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތް ހުއްޓާލުމަށް ސަރުކާރުން ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ގޮވާލާފައެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް މަޖިލީހަށް ބިލެއް ހުށައެޅުމަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ. 

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ފައިބަންދެން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށާއި، ޖަލަށް ލިޔަސް އެކަމަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް