ads
މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރާނީ ކިހިނެތް؟
ކޮންމެ ބެލެނިވެރިއަކަށްވެސް އެނގޭނެ ފަދައިން، ތުއްތު ކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރަކީ އެކުދިން ބެލުމަށް އެންމެ އުނދަގޫ ދުވަސްވަރެވެ. ފުރާވަރަށް އެރުމާއި، ހޯމޯންތަކަށް ބަދަލު އައުމާއި، ހައިސްކޫލްގެ އަހަރުތަކާއި، މިނިވަންކަމުގެ ބޭނުންތެރިކަން އިތުރުވަމުން ދިޔުމަކީ، ދަރިން ފުރާވަރަށް އަރައިގެން އަންނައިރު އެކުދިންގެ ކިބައިން ގިނަ ނޭދެވޭ ބަދަލުތަކެއްވެސް ފެނިގެން ހިނގައިދާނެ ދުވަސްވަރެކެވެ. މި ދުވަސްވަރު ދަރިފުޅުގެ އިހްސާސްތައް ދެނެގަންނަން އެންމެ ފަސޭހަ ގޮތަކީ އެކުދިންނާއި ގުޅުން ބަދަހިކުރުމެވެ. ނުވަތަ ކޮންމެ ކަމެއްވެސް ހިއްސާކުރެވޭ ފަދަ އެކުދިންގެ ބަހުންނަމަ "ކޫލް" މަންމައަކަށް ނުވަތަ ބައްޕައަކަށް ވެގެންނެވެ.
Advertisement

ނަމަވެސް މިކަން އެދުވަސްވަރު ނުކުރެވިއްޖެނަމަ މިއީ އެކުދިންގެ މިސްރާބު މުޅިން ގޯސް ދިމާލަކަށް ގޮސް ކުއްޖާއާއި މައިންބަފައިންނާއިމެދު ނުތަނަސްކަން އުފެދޭ ވަރަށް ގުޅުން ހީނަރުވެގެން ހިގައިދާނެ ކަމެކެވެ.މިހެން މިކަން ވެއްޖެނަަމަ ގޭތެރޭގައި ކޮންމެ ދުވަހަކު ވެސް ހަނގުރާމައެއް ކުރާ ކަހަލަ އިހުސާސެއް ކުރެވޭނެ ކަމެކެވެ. 

ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިފުޅަށް އަބަދުވެސް އޮންނަ ލޯތްބާއި މަގު ދައްކައިދިނުމުގެ ގާބިލުކަން ކޮންމެ ބެލެނިވެރިއެއްގެ ވެސް ހުންނަން ބޭނުންވެއެވެ. ނަމަވެސް އެކުދިން ބަދަލުވަމުންދާއިރު އެކަން ދެނެގަނެ އެކުދިންނާއި އެކު އޮންނަ ގުޅުންތަކަށް ވެސް ބަދަލު ގެންނަން ޖެހެއެވެ.  

ތިރީގައި މިވަނީ ތުއްތު ދަރިފުޅާއެކު ވަރުގަދަ ގުޅުމެއް ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ހަތަރު ކަމެކެވެ.

ވާހަކަ ދައްކާ ވަރަށްވުރެ ގިނައިން އަޑުއަހާށެވެ.

އަހަރުމެންނެކޭ އެއްފަދައިން، ޅަޢުމުރުގެ ކުދިންވެސް ބޭނުންވަނީ، އެކުދިންނަށް އިޙްތިރާމްކޮށް، އެކުދިންގެ އަޑު އަހާށެވެ. އަބަދުވެސް ދަރިފުޅަށް ޔަގީންކަންދޭ "ސޭފް" އަދި އަބަދުވެސް ކައިރީގައި ހުންނަ މީހަކަށް ވާށެވެ. އޭގެ މާނައަކީ ތިބާގެ ތުއްތު ދަރިފުޅު ބުނާ ކޮންމެ އެއްޗެއް ޤަބޫލުކުރަން ނުވަތަ އެއްބަސްވާން ޖެހޭނެ އެކޭ ނޫނެވެ. އެކަމަކު އެކުދިންނަށް މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު މެދުކެނޑުމެއްނެތި ދިނުމުން އެކުދިންގެ އަމިއްލަ ހިޔާލުތައް އަޑުހަރުކޮށް ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ސަބަބުން އެކުދިން ފާހަގަ ކުރާ މައްސަލައާއި، މައްސަލަ ހައްލުކުރާނެ ގޮތްތައް ވެސް ވަރަށް ފުންކޮށް ދޭހަވެގެންދާނެއެވެ. 

އެކުދިންނަށް އިތުބާރުކޮށް، އެކުދިންގެ ރައްޓެހިންނާ އެކު ސޯޝަލައިޒްވުމަށް ފުރުސަތު ދޭށެވެ.

އެކުދިންނާ އެއްކޮށް އުޅޭ ރަހުމަތްތެރިންގެ އުޅުމާ މެދު ހިތްހަމަ ނުޖެހި ދެބަސްވެވުނަސް އެ ކުދިންގެ ރަހުމަތްތެރިންނާ ބެހޭ ގޮތުން ހަޑި އެއްޗެހި ކިޔުމުން ދުރުހެލިވާށެވެ. އޭގެ ބަދަލުގައި ދެމީހުން އެކުގައި ކުރާ ކަންތައްތަކާ މެދު ސުވާލުކޮށް، މުވާސަލާތު ކުރާނެ މަގުފަހި ކުރާށެވެ. ގެއްލުންދެނިވި ނުވަތަ ސިއްހަތަށް ނުރަނގަޅު ހަރަކާތްތަކުގައި ބައިވެރިވުމުގެ ނުރައްކަލާމެދު މަޝްވަރާކޮށް، އޭގެ ބަދަލުގައި މުނިފޫހިފިލުވުމަށް ކުރެވިދާނެ އެހެން ކަންތައްތަކާއި މެދު މަޝްވަރާކުރާށެވެ. އެ ކުދިންގެ ރަހުމަތްތެރިންނާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ ވީ ވަރަކުން އެ ކުދިންނަށް ގެއަށް އައުމަށް ދައުވަތުދޭށެވެ. 

އެކުގައި ވަގުތު ހޭދަކުރުން

އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަކީ މައިންބަފައިންނާއި ދަރިންނާއި މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ވަރަށް ރަނގަޅު މަގެކެވެ. ދިރިއުޅުން ބިޒީ ވުމުގެ ސަބަބުން ގިނަފަހަރަށް ތުއްތު ކުދިން މަތިން ހަނދާން ނެތި، އެކުދިންނަށް އެކަނިވެރިވެފައިވާ ކަމުގެ އިހުސާސް ކުރެވިގެންދެއެވެ. ހަލަބޮލި ޝެޑިއުލަކުން ތުއްތު ކުއްޖަކާއެކު ބޭރަށް ނުކުމެލައި ވަގުތު ހޭދަކޮށްލުމަށް ވަގުތު ހުސްކުރުމަކީ އޭނާގެ އަގު ވަޒަންކޮށް، އޭނާ ބަލައިގަންނަ ފަދަ އިހުސާސުތަކެއް ކުރުވާ ކަމެކެވެ. އައިސްކްރީމް ބޯލަން ނުވަތަ އެކުދިންގެ ފެވަރިޓް ކާޓޫނެއް ބެލުން ފަދަ އާދައިގެ ކަންތައްތައް ކުރުމަކީ އޭގެން ވަރަށް ބޮޑު ތަފާތެއް ގެނެވިދާނެ ކަންކަމެވެ. 

ވަކި ހައްދެއް ކަނޑައަޅާށެވެ 

ގޭތެރޭގައި ޒުވާން އުމުރުގެ ކުއްޖަކު ހުރި ނަމަވެސް ގޭތެރޭގައި އެންމެ އިސް އަދި ހައްދުތައް ކަނޑައަޅާ މީހަކީ ތިމާކަން ދަރިފުޅަށް އަންގައިދޭން ޖެހޭނެއެވެ. ދަރިފުޅަށް ހައްދުތައް ކަނޑައެޅުމުގެ މުހިންމުކަން ހަމަހިމޭންކަމާއި ސާބިތުކަމާއެކު އަންގައިދިނުމަށް ސަމާލުކަންދޭން ޖެހެއެވެ. ހައްދުތަކެއް ނެތި ބޮޑުވާ ކުދިންނަށް ހައްދެއް ނެތް މިނިވަންކަމެއް ލިބިފައިވާ ކަމުގެ އިހުސާސު ކުރެވި ފުރާވަރުގެ އުމުރުގެ ތެރެއަށް ވަދެދާނެއެވެ.

ފުރާވަރުގެ އަހަރުތަކަކީ އުދަނގޫ ދަތުރަކަށް ވިޔަސް އެއީ ބިރުވެރި ހުވަފެނަކަށް ވާކަށް ނުޖެހެއެވެ. ގަވާއިދުން ވާހަކަ ދައްކައި، ކަނުލާ އަޑުއެހުމުގެ އިތުރުން، އެކުދިން ކިޔާ އެއްޗެއް ނަގައިގަތުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކުގެ ސަބަބުން މައިންބަފައިންނަށް ފުރާވަރަށް އަރާ ކުދިންނާ ރަނގަޅަށް ގުޅުން ބަދަހިކުރުމަށް އެހީތެރިވެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް