ގޭތެރޭގެ މަސައްކަތް ކުރުމާއި، ގަސްގަހަށް އަރައި، މޫދަށް ގޮސް އުޅުނު އެ ޖީލުގެ ކުދިންނާ އަޅާބަލާއިރު މިހާރުގެ ކުދިން "ބަލިކަށި" ކަމަށް ބުނާ އަޑު އިވެއެވެ. މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން ކަމަށާއި، ކުރީ ޒަމާނުގެ "އޯލްޑް ސްކޫލް" ޕޭރެންޓިންގ ސްޓައިލްގައި ސައިންޓިފިކް ގިނަ ފައިދާތަކެއް ހުރިކަން ދިރާސާތަކުން މިހާރު ވަނީ ސާބިތުވެފައެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ގޭތެރޭގެ މަސައްކަތް ކުރުވުމެވެ. ކުރިން ނަމަ ގޯތިތެރެ ކުނިކަހައި، ފެންވަރާ ވަޅުދިޔަ ހިއްކުމަކީ ކުޑަކުދިން ކުރާ ކަންކަމެވެ. ހާވާޑް ޔުނިވާސިޓީން ކުރިއަށް ގެންދިޔަ، ދުނިޔޭގެ އެންމެ ދިގު އެއް ދިރާސާ ކަމަށްވާ "ގްރާންޓް ސްޓަޑީ" އިން ދައްކާ ގޮތުގައި، ކުޑައިރު ގޭތެރޭގެ މަސައްކަތް ކުރި ކުދިން، ބޮޑުވެގެން ވަޒީފާގެ މައިދާނުގައި މާ ކާމިޔާބެވެ.
ދެވަނަ ކަމަކީ މިނިވަންކަމާ އެކު ކުޅެން ދޫކޮށްލުމެވެ. މާމަމެންގެ ޒަމާނުގައި ކުދިން ގުރޫޕް ހަދާފައި ބޭރުތެރޭގައި އުޅެނީ ބޮޑެތި މީހުންގެ މާ ބޮޑު ފާރަވެރިކަމެއް ނެތި އެވެ. ބޮސްޓަން ކޮލެޖުގެ ސައިކޮލޮޖިސްޓް ޑރ. ޕީޓާ ގްރޭ ވިދާޅުވާ ގޮތުގައި، މިހާރުގެ ކުދިންގެ ކިބައިގައި އެންޒައިޓީ ނުވަތަ ހާސްކަން އިތުރުވަނީ "ފްރީ ޕްލޭ" ނުވަތަ މިނިވަންކޮށް ކުޅޭނެ ފުރުސަތު ނެތުމުންނެވެ.
މީގެ އިތުރުން "ފޫހިވުން" މިއީ ވެސް ކުރީގެ ކުދިންނަށް ލިބުނު ނަސީބެއް ކަމަށް މާހިރުން ބުނެއެވެ. އޭރު އައިޕެޑެއް ނޯވެއެވެ. ފޫހިވުމުން ޖެހެނީ ފަންވަތެއް ނުވަތަ ނާށިގަނޑެއް ބޭނުންކޮށްގެން ވެސް އަމިއްލަ އުފެއްދުމެއް ތައްޔާރުކޮށްގެން ކުޅޭށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ކުދިން ފޫހިވާ ކޮންމެ ފަހަރަކު ސްކްރީނެއް ދިއްކޮށްލުމުން، އެ ކުދިންގެ "އިމެޖިނޭޝަން" ނުވަތަ އަމިއްލަ ވިސްނުން ބޭނުންކޮށްގެން އާ ކަންކަން އުފެއްދުމުގެ ގާބިލުކަން ނެތިދެއެވެ.
އެހެންކަމުން، މާމަމެންގެ ޒަމާނުގެ ހުރިހާ ކަމެއް އަނބުރާ ނުގެނެވުނަސް، ކުދިން ލައްވާ ގޭތެރޭގެ ކުދިކުދި މަސައްކަތް ކުރުވުމާއި، ސްކްރީނާ ނުލައި ފޫހިވާން ފުރުސަތު ދިނުމަކީ، މޮޅު އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި މިއަދުގެ މައިންބަފައިންނަށް ނެގިދާނެ މުހިންމު ފިލާވަޅުތަކެކެވެ.