އަޑުބަރޭ 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. އޭރު އޭނާ ހުރީ އިނގިރޭސިވިލާތުގައި ކަމަށްވެއެވެ. އެގޮތަށް ކޯޓުން ހުކުމް ކުރީ އަލީވަހީދު 72ގަޑިއިރުތެރޭ ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން އެންގި އެންގުމާ ހިލާފު ވުމުންނެވެ.
ކަރެކްޝަންސްއިން ބުނީ އޭނާ އަމިއްލައަށް ހަވާލުވެފައިވާ ކަމަށާއި އޭނާ މިހާރު ހުރީ އެތަނުގެ ބެލުމުގެދަށުގައި ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީީ ގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރަސާރަ ކުރިކަމުގެ ހަތް ދައުވާއެކެވެ. އަލީ ވަހީދުގެ އަޑުއެހުން ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ ލަންޑަނަށް ވަޑައިގެންފައެވެ. އޭނާ ލަންޑަނަށް ވަޑައިގަތީ ކޯޓުން އެހުއްދަ ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޒިންމާވާ ގޮތަށް، ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެއަށް އައިސްފައެއް ނުވެއެވެ. އަދި އަޑުބަރޭ ދިން ޔަގީންކަމާއިއެކު ވެސް ފަހުން ބުނެފައިވަނީ އަލީ ވަހީދު ހުންނެވި ތަނެއް އެގިވަޑައި ނުގަންނަވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވީ އަސްހަދު ކަމަށް ވާއިރު، ޖާމިނުވި އެއްބަސްވުމާއި އެއްގޮތަށް އަލީ ވަހީދު ރާއްޖެއަށް ގެނެވިފައި ނުވާކަމަށެވެ. އެހެން ކަމުން މިއީ ކޯޓުގެ ހުރުމަށް ކެނޑުން ކަމަށާއި، އެހެން ކަމުން ކޯޓުގެ ހުރުމަށް ކެނޑުމުގެ މައްސަލައިގައި އަސްހަދު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.