ޅ. ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ނިންމައި، އޭގެ ހައްޤުވެރިންނަށް ހަވާލުކުރުމަށްޓަކައި އެރަށު ކައުންސިލާ އެތަންތަން ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، އެ ހައުސިން ޔުނިޓުތަކުގެ ސަބަބުން ނައިފަރުގައި ގެދޮރުވެރިކަން ނެތް އެތައް އާއިލާއެއްގެ ތެރެއިން ކޮންމެވެސް ބަޔަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް، އެއީ ނައިފަރަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަމަށް އޮތް މުޅި ހައްލެއް ނޫންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ނައިފަރަކީ ބޯހިޔާވަހިކަމަށް އެތައް ސަތޭކަ ބަޔަކު ބޭނުންވެފައި އޮތް ރަށެއް ކަމަށާއި، އާބާދީގައި 5000 އަށްވުރެ ގިނަ މީހުން އޮތް އެ ރަށުގައި، ރަށުގައި ވަޒަންވެރިވެ އުޅޭ މީހުން އަދި އެއަށްވުރެ ގިނަ ކަމަށެވެ.
ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭން ސިޔާސަތު ތަންފީޒު ކުރަމުންދާއިރު ދެ ކޮޓަރީގެ ފްލެޓެއް، ނޫނީވިއްޔާ ގެއެއް، އެއީ ހައްލެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. ނައިފަރުގައި 3 ކޮޓަރި ހިމެނޭގޮތަށް، 1000 އަކަފޫޓުގެ 100 ފްލެޓް އެޅިގެން ދިޔައީ އެގޮތަށް ގަބޫލުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ވަރަށްގިނަ ރަށްރަށް އެބަހުރިކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، އެކަން ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިހާރުވެސް 14 ރަށެއްގައި 1575 ހައުސިން އެޅުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން ފަށްޓަވައިގެން އެބަ ކުރިއަށް ގެންދަވާ ކަަމަށް ވިދާޅުވިއެެވެ. އަދި އޭގެތެރެއިން އަށް ރަށެއްގެ މަސައްކަތް، 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ ގެދޮރުވެރިކަމުގެ މަސައްކަތް މިހާރުވަނީ ޓެންޑަ ކުރެވިފައި ކަމަށް ވިދާޅުވިއެވެ.
ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަމަކީ، އިއްޔެއަކު އަދި މީގެ ފަސް އަހަރު ކުރިން، ނޫނީވިއްޔާ 10 އަހަރު ކުރީގެ ކަމެއް ނޫން ކަމަށާއި މާކުރިއްސުރެ ފަށައިގެންވެސް އޮތް ދަތިކަމެއްކަމަށް ވިދާޅުވެ، ރައީސް ވަނީ 1932ގެ އަހަރުތަކުން މިސާލު ޖައްސަވާފައެވެ.
އެގޮތުން ހިންނަވަރާއި ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، މި ދެރަށުގެ ރައްޔިތުންނަށް މާފިލާފުށިން ގޯތިދޭން ސަރުކާރުން ނިންމި ވާހަކައަށް އިޝާރާތް ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ މީގެ 90 އަހަރު ކުރީގައި ވެސް އޮތް ބޮޑު މައްސަލައެއް ކަމަށާއި ސަރުކާރަކަށްފަހު ސަރުކާރެއް ބަދަލުވަމުން އައިސް، މިހާރު މިއޮތީ 2022 ވަނަ އަހަރަށް އެޅިފައި ކަމަށެވެ.
ނައިފަރުގައި މީގެކުރިން ވެސް 25 ރޯހައުސް އެޅިގެންދިޔައީ، އެމްޑީޕީގެ ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދުގެ ވެރިކަމުގައި ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެއަށްފަހު ކަންދިމާކުރިގޮތުން، އެރަށުގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމިގެން އެދިޔައީ، އަނެއްކާވެސް އެމްޑީޕީ ތަމްސީލުވާ ސަރުކާރެއްގައި ކަމަށެވެ.